ދިވެހިރާއްޖޭގައި ހިންގާ 9 ވަނަ ކޮމާޝަލް ބޭންކުގެ ގޮތުގައި “މޯލްޑިވްސް ޕްރިމިއާ ބޭންކް” ރަސްމީކޮށް ރޭ އިފްތިތާޙުކޮށްފިއެވެ. ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ބޭންކު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ބޭންކު އިފްތިތާޙުކުރުމާ އެކު، ބޭންކުގެ ފުރަތަމަ ބްރާންޗު ވަނީ ހުޅުވާފައެވެ. މީގެއިތުރުން ޒަމާނީ ވަސީލަތްތަކާ އެކު މޯބައިލް އެޕްލިކޭޝަނާއި އިންޓަނެޓް ބޭންކިން ޚިދުމަތް ވެސް މިހާރު ވަނީ ތަޢާރަފުކޮށްފައެވެ. މޯލްޑިވްސް ޕްރިމިއާ ބޭންކުގެ ހެޑް އޮފީސް ޤާއިމުކޮށްފައިވަނީ ހ. ސަންލީޓްގެ އެއްވަނަ އަދި ފަސްވަނަ ފަންގިފިލާގައެވެ.
މި ބޭންކުގެ މައިގަނޑު ހިއްސާދާރުންނަކީ ވިޔަފާރިވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު މުޙައްމަދު ޢަލީ ޖަނާހު އަދި އެމްޑީވީ ރީ އިންވެސްޓްމަންޓް އެލްއެލްސީއެވެ. އަދި ބޭންކުގެ ޗެއާޕާސަންގެ މަޤާމު އަދާކުރައްވަނީ މުޙައްމަދު ޢަލީ ޖަނާހުގެ ދަރިކަނބަލުން އަދި އެމްއޭސީއެލްގެ ޗެއާޕާސަން ޢާއިޝަތު ނޫރައިން ޖަނާހުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވަނީ ރާއްޖޭގެ އިޤްތިޞާދުގައި މާލީ ދާއިރާގެ ހިއްސާ މިހާރު އޮތް 6 އިންސައްތައިން ދެގުނައަށް އިތުރުކުރުމަކީ މުހިންމު އަމާޒެއް ކަމަށް ވިދާޅުވެފައެވެ. އަދި 2025 ވަނަ އަހަރު ލިބުނު އާމްދަނީ ޓެކުހުގެ 14 އިންސައްތައަކީ ބޭންކުތަކުން ދެއްކި ޓެކްސް ކަމަށްވީ ނަމަވެސް، ފާއިތުވި 5 އަހަރު ބޭންކިން ދާއިރާގެ ފައިދާއިން 200 މިލިއަން ޑޮލަރު ރާއްޖެއިން ބޭރުކޮށްފައިވާކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ބޭންކިން ދާއިރާގެ އިސް މަޤާމުތަކުގެ 40 އިންސައްތަ މިހާރު ފުރަނީ ބިދޭސީން ކަމަށްވާއިރު، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި އެ އަދަދު 20 އިންސައްތައަށް ދަށްކޮށް، 80 އިންސައްތަ މަޤާމުތައް ދިވެހިންނަށް ޚާއްޞަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ. އަދި ދިވެހި އިންވެސްޓަރުންނާއި ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ބޭންކިން ޤާނޫނުތަކަށް އިޞްލާޙު ގެނައުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް މުނައްވަރު ފާހަގަކުރެއްވިއެވެ.



