ރާއްޖޭގެ 5 އަތޮޅަކުން މެރިކަލްޗަރ ތަރައްޤީކުރުމަށްޓަކައި އިތުރު 10 ޒޯނެއް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން އަލަށް ކަނޑައަޅައިފިއެވެ.
މި އައު ޒޯންތަކާއެކު ރާއްޖޭގައި މެރިކަލްޗަރ މަސައްކަތްތައް ތަރައްޤީކުރުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ 14 އަށް އަރާފައެވެ. އަލަށް ކަނޑައެޅުނު ސަރަޙައްދުތަކުގެ ތެރޭގައި ތ. އަތޮޅާއި މ. އަތޮޅުގެ އިތުރު ސަރަޙައްދުތަކުގެ އިތުރުން ފ. އަތޮޅު، ދ. އަތޮޅު އަދި ގއ. އަތޮޅުގެ ސަރަޙައްދުތައް ހިމެނެއެވެ. މީގެ ކުރިން މެރިކަލްޗަރ މަސައްކަތްތައް ކުރުމަށް ކަނޑައަޅާފައިވަނީ ކ. މަނިޔަފުށި، މ. އަތޮޅު، ބޮޑުތިލަދުންމަތި އަދި ތ. އަތޮޅުގެ ބައެއް ސަރަޙައްދުތައް ހިމެނޭހެން 4 ސަރަޙައްދެކެވެ.
ސަރުކާރުން ވަނީ މެރިކަލްޗަރ ދާއިރާއަކީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް މުހިންމު ދާއިރާއެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. މިގޮތުން ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވަނީ މެރިކަލްޗަރ ދާއިރާއަކީ އެއް ބިލިއަން ރުފިޔާގެ ސިނާޢަތަކަށް ހެއްދެވުމުގެ އަމާޒު ހިއްސާކުރައްވާފައެވެ.
މީގެ އިތުރުން ކ. މަނިޔަފުށީގައި މެރިކަލްޗަރ މަސައްކަތްތައް ފުޅާކުރުމަށް، ޚާއްޞަކޮށް ބޮޑު ހުއިފިލަނޑާ އާލާކުރުމުގެ މަޝްރޫޢަކަށް ސަރުކާރުން ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ އިންވެސްޓް ކުރަމުންދާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި މިހާރުވެސް ރާއްޖެއިން މަހެއްގެ މައްޗަށް ގާތްގަނޑަކަށް 63 ޓަނުގެ ހުއިފިލަނޑާ އެކްސްޕޯޓް ކުރަމުންދެއެވެ. އަދި އަލަށް ކަނޑައެޅުނު ޒޯންތަކާއެކު މި ސިނާޢަތް އިތުރަށް ފުޅާވެގެންދާއިރު، އުފެއްދުންތެރިކަން ވަރަށް ބޮޑަށް އިތުރުކުރެވިގެންދާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.



