ދައުލަތުގެ އިދާރާތަކުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ފުރުޞަތުތައް ފަހިކޮށްދީ ހަރުދަނާކުރުމަށްޓަކައި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ހޯމަ ދުވަހު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މިއީ 2031 ވަނަ އަހަރުގެ ނިޔަލަށް އެކުލަވާލާފައިވާ ޚާއްޞަ ރޯޑްމެޕެކެވެ.
މި ޕްލޭން އިފްތިތާޙުކޮށްފައިވަނީ މިއަހަރު ބޭއްވި ‘ރައިޓް ޓު އިންފޮމޭޝަން’ (އާރްޓީއައި) ސިމްޕޯޒިއަމްގައެވެ. މި ޕްލޭންގެ މައިގަނޑު އަމާޒަކީ ދައުލަތުގެ ދެފުށްފެންނަ މިންވަރު އިތުރުކުރުމާއި، މަޢުލޫމާތު ހޯދުމަށް އެދުމުގެ ފުރުޞަތުތައް ފުޅާކުރުމުގެ އިތުރުން، އައިކޮމްގެ މުއައްސަސާގެ ޤާބިލުކަން އިތުރުކުރުމެވެ.
މި ސްޓްރެޓީޖިކް ޕްލޭނަކީ ޔޫރަޕިއަން ޔޫނިއަންގެ އެހީތެރިކަމާއެކު، ޔޫއެންޑީޕީ މޯލްޑިވްސްއާ ގުޅިގެން ހިންގާ ‘އެކައުންޓަބިލިޓީ އެންޑް އިންޓެގްރިޓީ މެޓާސް’ (އެއިމް) ޕްރޮޖެކްޓްގެ ދަށުން އެކުލަވާލި ޕްލޭނެކެވެ. މިއީ މިދިޔަ އަހަރު ހެދި ކެޕޭސިޓީ އެސެސްމެންޓަށް ރިޢާޔަތްކޮށް ތައްޔާރުކޮށްފައިވާ ޕްލޭނެއް ކަމަށްވެސް އައިކޮމްއިން މަޢުލޫމާތުދެއެވެ.
އައިކޮމްގެ އާ ޕްލޭންގެ ސަބަބުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާވެ، ޢާންމު މަޢުލޫމާތު ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް އެ އޮފީހުން ދެކެއެވެ.



