މާލޭގައި އަލަށް އިމާރާތްކުރާ ޒަމާނީ ވެޓް މާކެޓް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، މިހާރު ހުރި ލޯކަލް މާރުކޭޓު ސަރަހައްދު ހުސްކުރުމުގެ ގޮތުން ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ވަގުތީ މާރުކޭޓެއް ގާއިމުކޮށް، ވިޔަފާރިވެރިން އެތަނަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ފަށައިފިއެވެ.
މިކަމާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބު ވިދާޅުވީ، ވަގުތީ މާރުކޭޓު އެޅުމަށްޓަކައި ކުރީގެ އެސްޓީއޯ ސައިޓާއި ތައިސޭކޮށި ބަލަމުންދާ ކަމަށެވެ. މާލޭގެ މަސް މާރުކޭޓާއި ލޯކަލް މާރުކޭޓު އެއް ފުރާޅެއްގެ ދަށަށް ގެނައުމަށްޓަކައި ކުރިއަށްގެންދާ މި ޕްރޮޖެކްޓަކީ 126.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު މިދިޔަ މާޗު މަހު ވަނީ ޓްރަސްޓިންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައެވެ.
ޖުމްލަ 6 ފަންގިފިލާއަށް އިމާރާތްކުރާ މި އާ ކޮމްޕްލެކްސްގައި 95,000 އަކަފޫޓަށް ވުރެ ބޮޑު ޖާގައެއް ހުންނާނެއެވެ. މި އިމާރާތުގައި ޖުމްލަ 455 މާކެޓް ގޮޅި ހިމެނޭއިރު، އިމާރާތުގެ ބޭސްމަންޓުގައި 400 ސައިކަލް ޕާކުކުރެވޭނެ ޒަމާނީ ޕާކިންގ ޒޯނެއްވެސް ގާއިމުކުރެވިގެންދާނެއެވެ. މީގެއިތުރުން އިމާރާތުގެ އެންމެ މަތީ ފަންގިފިލާ ހާއްސަކޮށްފައިވަނީ ކެފޭ އަދި ރެސްޓޯރެންޓް ވަސީލަތްތަކާއެކު ގާއިމުކުރެވޭ ފުޑް ކޯޓަކަށެވެ.
މާރުކޭޓު ސަރަހައްދު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމުމަށް ކަނޑައަޅާފައިވަނީ 1 އަހަރާއި 8 މަސް ދުވަހުގެ މުއްދަތެކެވެ.



