މައްކާގައި ބޭއްވުނު 46 ވަނަ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް ގުރުއާން މުބާރާތުގެ މުޅި ގުރުއާން ހިތުދަސްކުރުމުގެ ބައިން ދިވެހިރާއްޖޭގެ އަލްހާފިޒާ ފާތިމަތު ޝާޔާ ޒާހިރު ހަތަރުވަނަ ކާމިޔާބުކޮށްފިއެވެ.
މި ކާމިޔާބީއާއެކު ޝާޔާއަށް އިނާމެއްގެ ގޮތުގައި 170,000 ސައޫދީ ރިޔާލް ލިބޭނެއެވެ. ޖުމްލަ 133 ގައުމަކުން ބައިވެރިން ވާދަކުރި މި ތާރީޚީ މުބާރާތަކީ އޭގެ 46 އަހަރުވީ ދިގު ތާރީޚުގައި އަންހެން ބައިވެރިންނަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރެވެ.
މި މުބާރާތުގެ ނަތީޖާ އިއުލާނުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު އޮތީ ބުދަ ދުވަހުގެ ރޭ މައްކާގެ މަސްޖިދުލް ހަރަމްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މައްކާ ސަރަހައްދުގެ ޑެޕިއުޓީ ގަވަރުނަރު ޕްރިންސް ސައުދު ބިން މިޝްއަލް ބިން އަބްދުލްއަޒީޒެވެ.
މި ރަސްމިއްޔާތުގައި ސައޫދީ އިސްލާމިކް އެފެއާޒް، ދައުވާ އެންޑް ގައިޑެންސް މިނިސްޓަރު ޝައިޚް ޑރ. އަބްދުއްލަތީފް ބިން އަބްދުލްއަޒީޒް އާލް-ޝައިޚް އަދި މަސްޖިދުލް ހަރާމްގެ އިމާމް ޝައިޚް ޑރ. އަބްދުއްރަހްމާން އަލް-ސުދައިސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މި ރަސްމިއްޔާތުގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި އިރު، ޝާޔާގެ މި ކާމިޔާބީއަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.
ރަސްމިއްޔާތަށްފަހު، މިނިސްޓަރު ޝައިޚް ޑރ. އަބްދުއްލަތީފް ވަނީ ޝާޔާއާއި ބައްދަލުކުރައްވައި، މި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ، ކުރިއަށް ދިއުމަށް ހިތްވަރު ދެއްވާފައެވެ.



