ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ބިމާއި ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް ވެރިފައިކުރުމުގެ (ޞައްޙަކަން ކަށަވަރުކުރުމުގެ) މަސައްކަތް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ފަށައިފިއެވެ.
މި މަސައްކަތުގެ ތެރެއިން، ފޯމުތަކުގައި ހިމަނާފައިވާ މަޢުލޫމާތުތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކުންނާއި ކައުންސިލްތަކުން ލިބިފައިވާ މަޢުލޫމާތުތަކާ އަޅާކިޔައި ޗެކްކުރަމުންދާނެ ކަމަށް އެ މިނިސްޓްރީން މަޢުލޫމާތުދެއެވެ. އަދި މިގޮތުން ބެލުމުގައި އެއްވެސް ފުށުއެރުމެއް ނުވަތަ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އެކަން “ބޯހިޔާވަހިކަން” ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅި ފަރާތްތަކަށް އަންގާނެއެވެ.
ޖަވާބުދާރީވުމަށް 7 ދުވަހުގެ މުއްދަތެއް
މިނިސްޓްރީން ފާހަގަކުރާ ކަންކަމާ ގުޅިގެން މަޢުލޫމާތު ނުބައިކަމަށް ދެކޭނަމަ، އިތުރު ތަފްޞީލާއި ލިޔެކިޔުންތައް ހުށަހެޅުމަށް ކަލަންޑަރު 7 ދުވަހުގެ މުއްދަތެއް ފޯމު ހުށަހެޅި ފަރާތްތަކަށް ދެވޭނެއެވެ. މީގެއިތުރުން، ފޯމާ ގުޅޭގޮތުން ގެންނަންޖެހޭ ބަދަލުތަކާއި އަދާހަމަތަކުގެ މަޢުލޫމާތު، ފޯމު ހުށަހެޅިއިރު ދީފައިވާ މޯބައިލް ނަންބަރަށް އެސްއެމްއެސް މެދުވެރިކޮށްވެސް ފޮނުވާނެއެވެ.
ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މިނިސްޓްރީން ފާހަގަކުރި ކަންކަމަށް ޖަވާބުދާރީނުވެއްޖެނަމަ، އެ ފޯމަކީ ޝަރުޠު ހަމަނުވާ ނުވަތަ ލިޔެކިޔުން ފުރިހަމަނުވާ ފޯމެއްގެ ގޮތުގައި ބެލެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބަޔާންކުރެއެވެ.
ޖަވާބު ހުށަހަޅަންޖެހެނީ ހަމައެކަނި ޕޯޓަލް މެދުވެރިކޮށް
ފޯމުތަކާ ގުޅިގެން ފާހަގަކުރެވޭ ކަންކަމަށް ޖަވާބުދާރީވުމަށް ހަމައެކަނި ބޭނުންކުރަންވާނީ “ބޯހިޔާވަހިކަން” ޕޯޓަލް ކަމަށް މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި މި މަރުޙަލާގައި އީމެއިލް، ސިޓީ ނުވަތަ އެހެން އެއްވެސް ވަސީލަތެއް މެދުވެރިކޮށް ފޮނުވާ ޖަވާބުތައް ބަލައިނުގަންނާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.



