މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫގެ ދަށުން ހުޅުވާލާފައިވާ ގޯއްޗާއި ފުލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު މި އަހަރުގެ ޑިސެމްބަރު މަހުގެ މެދުތެރޭގައި އިއުލާނުކުރާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ނާޒިމް ވިދާޅުވީ، ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ޞައްޙަތޯ ބެލުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށެވެ. ގޯއްޗާއި ފްލެޓަށް އެދި ޖުމްލަ 58،585 ފޯމު ހުށަހަޅާފައިވެ އެވެ.
ހައުސިން މިނިސްޓްރީއިން އިއްޔެ ވަނީ މާލޭ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތަކުގައި މައްސަލައެއް އުޅޭނަމަ ހައުސިން މިނިސްޓްރީން އެކަން އެންގުމަށް ފަހު، އިތުރު ލިޔެކިޔުން ހުށަހަޅަން ހަތް ދުވަސް ދޭނެ ކަމަށް ބުނެފައެވެ.
ނާޒިމު ވިދާޅުވީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ޑިސެމްބަރު މަހުގެ މެދުތެރޭގައި ދާއިމީ ލިސްޓު ޢާންމު ކުރެވޭނެކަމުގެ ޔަޤީންކަން އޮތް ކަމަށެވެ. އަދި އެކަމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން އެއްވެސް މައުލޫމާތެއްގައި ފުށުއެރުމެއްވާ ނަމަ އަވަހަށް އެކަން ޕޯޓަލް މެދުވެރިކޮށް އަންގައި އެކަން އިސްލާހުކުރުމަށް މަސައްކަތް ކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. އަދި މިހާރު ކްރޮސް ވެރިފިކޭޝަންގެ މަސައްކަތްތައް ކުރިއަށްދާއިރު ހުރިހާ ކަމެއް ވެސް އަންގާނީ ޕޯޓަލް މެދުވެރިކޮށް ކަމަށާއި ގަވާއިދުން ބޯހިޔާވަހިކަން ޕޯޓަލް ބެލުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
މި ސަރުކާތުގެ ބޯހިޔާވަހިކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީ މިއަހަރުގެ ޖެނުއަރީ މަހުގެ 18 ގަ އެވެ.



