ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އެގްޒެކެޓިވް ޑިރެކްޓަރު އަދި އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ޑރ. ޢަލީ އަޒްވަރު ހަމަޖައްސައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މި ޢައްޔަންކުރުން އިޢުލާނުކޮށްފައިވާއިރު، ސ. ފޭދޫ، ނެސްޕްރޯވިލާ، ޑރ. ޢަލީ އަޒްވަރަކީ މިހާރު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
ފެނަކައިގެ އިސް މަޤާމަކަށް ޑރ. އަޒްވަރު ހަމަޖައްސާފައި މިވަނީ ދަޢުލަތުގެ ވިޔަފާރި ކުންފުނިތައް ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، ކުންފުނިތަކުގެ ހިންގުން އެއްފުރާޅެއްގެ ދަށަށް ގެނެސް ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ފުޅާ ބަދަލުތަކުގެ ތެރެއިންނެވެ.
މި ބަދަލުތަކުގެ ދަށުން، މިހާރު ކުރިއަށްދާ މަސައްކަތްތައް ނިމުމުން ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ހަމައެކަނި ކުންފުންޏަކަށް ސްޓެލްކޯ ވެގެންދާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން، ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ހ. ހުދުވިލާ، އިބްރާހީމް ނިޘާމް ޢައްޔަންކޮށްފައިވާކަންވެސް ޕީސީބީން ވަނީ ކަށަވަރުކޮށްދީފައެވެ.



