މާލޭގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި، ފަތިހު ގޭސް ފުޅިއެއް ގޮވައި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.
މި ހާދިސާގެ މައުލޫމާތު ހިއްސާކޮށް އެންޑީއެމްއޭ އިން ބުނީ މާވެޔޮމަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމައްޗަށް ހުންނަ ހަނި ގޯޅީގައި ހުރި މއ. ދޫގަސް ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.
ގޭސް ފުޅި ގޮވި ހާދިސާގައި އަނިޔާވީ އިންޑިއާގެ ތިން މީހަކަށާއި ސްރީ ލަންކާގެ މީހަކަށެވެ. އެ އެންމެނަށް ވެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގަ އެވެ.
މި ހާދިސާއާ ގުޅިގެން ރޯވި އަލިފާންގަނޑު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މިހާރު ވަނީ ކޮންޓްރޯލްކޮށްފައެވެ. އަދި ހާދިސާ ހިނގި ސަރަޙައްދުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ޓީމުން ދަނީ ހަރަކާތްތެރިވަމުންނެވެ.



