ކަޅުބާޒާރުގައި ޑޮލަރުގެ މުއާމަލާތް ހިންގުމުގެ ފަހަތުގައި ރިސޯޓް ޗެއިންތަކާއި ކޮންސްޓްރަކްޝަން ކުންފުނިތަކާއި ސިޔާސީ މީހުން ވެސް އެބަތިބި ކަމަށާއި އެ މައްސަލައިގައި މަނީ ލޯންޑްރިންގެ ދައުވާ ކުރާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
ކަޅުބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލައާ ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އިޙްސާން ވިދާޅުވީ، ރާއްޖޭގައި ހުއްދަ ނުނަގައި ޑޮލަރު މާރުކުރުމަކީ ގިނަ ބަޔަކު އާދައިގެ ކަމެއްގެ ގޮތުގައި ދެކެމުން އައި ނަމަވެސް އެއީ ރާއްޖޭގެ ގާނޫނުގައި ސީދާ ޖިނާއީ ކުށެއް ކަމަށެވެ. އަދި މި ކަމުގެ ތެރޭގައި ވަކިވަކި ފަރުދުންވެސް ހިމެނޭކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ބޭރު ފައިސާ މާރުކުރަން ހުއްދަ ނަގާފައި ވަނީ 63 ފަރާތަކުން ކަމަށެވެ. ނަމަވެސް މިހާތަނަށް ބެލި ބެލިމުން، ވަރަށް ގިނަ ފަރާތްތަކުން ހުއްދަ ނުނަގައި އެއްވެސް ލައިސަންސެއް ނެތި ޑޮލަރު މާރު ކުރުމުގެ ހިދުމަތް ދެމުންދާކަން ފާހަގަވެފައިވާ ކަމަށް އިހްސާން ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް 7 ތަނަކާ ގުޅޭ މަޢުލޫމާތު އެއްކޮށްފަވާ އިރު، އެތަންތަނުން ފާއިތުވި 9 މަސްތެރޭގައި 76 މިލިޔަން ޑޮލަރު ކަޅު ބާޒާރުގައި ވިއްކާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަދި ހުއްދަ އޮންނަ މަނީ އެކްސްޗޭންޖްތަކުން ވެސް ކަނޑައެޅިފައިވާ ރޭޓަށްވުރެ ބޮޑުކޮށް މުއާމަލާތްކުރާނަމަ، އެމްއެމްއޭގެ ގަވާއިދުގެ ދަށުން ކޮންމެ މުއާމަލާތަކަށް އެވްރެޖްކޮށް ފަސް ލައްކަ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އުސޫލުތައް ގާނޫނުގައި އެބަހުރި ކަމަށް ވިދާޅުވިއެވެ.
ޖިނާޢީ ކުށެއް ކޮށްގެން އަމިއްލަ ގޮތުންނާއި ވިޔަފާރިތަކުން ފައިދާ ހޯދުމަކީ މަނީ ލޯންޑަރކުރުން. އެނގިގެން ވެސް ނޭނގި ވެސް މަނީ ލޯންޑްރިންގައި މި ބައިވެރިވެވެނީ،” އޭނަ ވިދާޅުވި އެވެ.



