ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 40 ޕަސެންޓް ބޭންކުތަކަށް މާރުކުރަން ލާޒިމުކުރުމާއި، ކަޅުބާޒާރުގެ އެކްސްޗޭންޖް ރޭޓުތައް އިޝްތިހާރުކުރުމާއި އާންމުކުރުން ޖިނާއީ ކުށަކަށް ހަދަން ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުﷲ ސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލު ފާސްވީ 47 މެންބަރުންގެ ވޯޓުންނެވެ. މި ބިލާ ދެކޮޅަށް 12 މެންބަރަކު ވޯޓު ދެއްވިއެވެ. ބިލު ފުރަތަމަ ހުށަހެޅިއިރު އޮތީ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓް ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށެވެ. ނަމަވެސް، ކޮމިޓީ މަރުހަލާގައި ގެނައި އިސްލާހުތަކާއެކު އެ އަދަދު ވަނީ 40 ޕަސެންޓަށް އިތުރުކޮށް، ކޮންމެ މަހަކު އެއްފަހަރު ބޭންކުތަކަށް ޖަމާކުރަން ޖެހޭ ގޮތަށް ހަމަޖައްސާފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ މަތީ ރޭޓުތަކުގައި ފޮރިން އެކްސްޗޭންޖް ރޭޓުތައް އިޝްތިހާރުކުރުމާއި، ޕްރޮމޯޓްކުރުމާއި އަދި ޑިޖިޓަލް ޕްލެޓްފޯމުތައް މެދުވެރިކޮށް އާންމުކުރުން ވެސް މި އިސްލާހުތަކުގެ ދަށުން ވަނީ މަނާކޮށްފައެވެ.
މި މާއްދާއާ ޚިލާފުވާ އަމިއްލަ ފަރުދުން 25،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކުންފުނިތައް 100،000 ރުފިޔާއާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ކަނޑައަޅާފައިވެއެވެ. މީގެއިތުރުން، މި އަމަލަކީ އެހެން ގާނޫނެއްގެ ދަށުން ޖިނާއީ ކުށެއް ކަމުގައި ބެލެވޭނަމަ، އެ މައްސަލައެއްގައި ޖިނާއީ ދައުވާ ކުރުމުގެ ފުރުސަތު ވެސް އިސްލާހުގައި ވަނީ ހިމަނާފައެވެ.



