ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތައް ވެރިފައި ކުރުމުގައި ފާހަގަކުރެވުނު ނުރަނގަޅު މައުލޫމާތުތައް ރަނގަޅުކުރުމަށް ލިޔެކިޔުން ހުށަހެޅުމުގެ މުއްދަތު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓުން އިތުރުކޮށްދީފިއެވެ.
މިނިސްޓްރީން ކުރިން ލިޔެކިޔުންތައް ހުށަހެޅުމަށް ދީފައިވަނީ ހަތް ދުވަހުގެ މުއްދަތެކެވެ. ނަމަވެސް، ފޯމު ހުށަހެޅި ފަރާތްތަކަށް އިތުރު ވަގުތު ދިނުމުގެ ގޮތުން އެ މުއްދަތު މިހާރު ވަނީ 21 ދުވަހަށް އިތުރުކޮށްފައެވެ. މިނިސްޓްރީން ފާހަގަކޮށްފައިވާ މައްސަލަތަކަށް 21 ދުވަހުގެ ތެރޭގައި ޖަވާބުދާރީ ނުވެވިއްޖެނަމަ، އެ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބެލެވޭނީ ޝަރުތު ހަމަނުވާ ނުވަތަ ފުރިހަމަނުވާ އެޕްލިކޭޝަންތަކެއްގެ ގޮތުގައެވެ.
ހައުސިންގ މިނިސްޓްރީން މިހާރު ދަނީ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ވެރިފައި ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ބޯހިޔާވަހިކަމުގެ މި ޕްރޮގްރާމްތަކުގެ ދަށުން ޖުމްލަ 58,505 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހަޅާފައިވާ 35,930 އެޕްލިކޭޝަނާއި، ގޯއްޗަށް އެދި ހުށަހަޅާފައިވާ 22,575 އެޕްލިކޭޝަނެވެ.
މި ޕްރޮގްރާމްތަކާ ގުޅޭގޮތުން މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހައުސިންގ މިނިސްޓްރީން ވަނީ ހެލްޕް ޑެސްކަކާއި ކޯލް ސެންޓަރެއް ޤާއިމުކޮށްފައެވެ. އެގޮތުން ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް 900-4004 ނަންބަރަށް ގުޅައިގެން ކޯލް ސެންޓަރުގެ ޚިދުމަތް ލިބޭނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.



