ދިވެހިރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންނަށް އޮތް ފުރިހަމަ ތާއީދު އަލުން ކަށަވަރުކޮށްދެއްވައި، ޣައްޒާގެ ހާލަތު ރަނގަޅުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ މަސައްކަތްތަކެއް ކުރުމުގައި ތިބޭނެކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ދިވެހިރާއްޖެ ތަމްސީލުކުރައްވާފައިވަނީ ޖިއްދާގައި ބޭއްވުނު އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ޣައްޒާގެ ސުލްޙައިގެ މަގުޗާޓަށް ހުރަސްއެޅުމަށް ކުރެވެމުންދާ މަސައްކަތްތަކާ މެދު ކަންބޮޑުވުން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ، އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ބަންދުކޮށްގެން ހިންގާ އަމަލުތައް ކުށްވެރިކުރައްވައި، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިހުތިރާމްކުރުން ކަށަވަރުކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ. އަދި އިސްލާމީ އުޞޫލުތައް ނެގެހެއްޓުމާއި، ފަލަސްޠީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމަކީ އޯއައިސީގެ މެންބަރު ޤައުމުތަކުގެ ޒިންމާއެއް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވަނީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް އަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ތާއީދުކުރާކަން އަލުން ތަކުރާރުކުރައްވާފައެވެ.
މީގެއިތުރުން، ދާއިމީ އަދި ދެމެހެއްޓެނިވި ސުލްޙައަކަށް ވާސިލުވުމުގެ މަގެއްގެ ގޮތުން “ކޮމްޕްރިހެންސިވް ޕްލޭން ޓު އެންޑް ދަ ޣައްޒާ ކޮންފްލިކްޓް” ތަންފީޒުކުރުމަށްވެސް މިނިސްޓަރު ގޮވާލެއްވިއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުން އިންސާފާއި އެމީހުންގެ ހައްޤުތައް ހޯދުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.



