އެކިއެކި ބޭނުންތަކަށް ފަޅުރަށްރަށާއި ފަޅުތައް ކަނޑައެޅުމާއި ކުއްޔަށް ދިނުމުގެ ސީދާ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ޤާނޫނަށް ގެނައި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ. މި ޤާނޫނަށް އަމަލުކުރަން ފަށާނީ އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
އައު ޤާނޫނުގެ ދަށުން ފަތުރުވެރިކަމަށާއި، ސިނާއީ މަސައްކަތްތަކަށާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން އިޖުތިމާއީ ބޭނުންތަކަށާއި ދައުލަތުގެ ބޭނުންތަކަށް ފަޅުރަށްރަށް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. އަދި ފަޅުތައް ކަނޑައަޅާނެ ބޭނުމާއި، އެ ފަޅުތަކާ ހަވާލުވާނެ ސަރުކާރުގެ އިދާރާތައް ކަނޑައެޅުމުގެ ބާރުވެސް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދެއެވެ.
މި ޤާނޫނުގެ ދަށުން ފަޅުރަށްރަށް ފުރަތަމަ ކުއްޔަށް ދޫކުރެވޭނީ 21 އަހަރުގެ މުއްދަތަށެވެ. ނަމަވެސް، ކަމާބެހޭ ވުޒާރާއަށް ނުވަތަ ކައުންސިލަށް އެ މުއްދަތު 50 އަހަރާ ހަމައަށް އިތުރުކޮށްދިނުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.
މި އިސްލާހާއެކު އަހަރީ ކުލީގެ ރޭޓުތަކަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން، ސިނާއީ އަދި އިޤްތިޞާދީ މަސައްކަތްތަކަށް އަކަމީޓަރަކަށް އަހަރަކު 3 ރުފިޔާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތްތަކަށް އަކަމީޓަރަކަށް 2.50 ރުފިޔާ، އަދި އިޖުތިމާއީ ބޭނުންތަކަށް އަކަމީޓަރަކަށް 2 ރުފިޔާ ގެ މަގުން ކުލި ނެގުމަށް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން މަސްވެރިކަމަށް ދޫކުރާ ފަޅުތަކުން އަކަމީޓަރަކަށް އަހަރަކު ނަގާނީ 0.50 ރުފިޔާ އެވެ.
މި ޤާނޫނު ލާޒިމުކުރާ ގޮތުގައި، ފަޅުރަށްރަށުގެ ތަފުސީލާއި އެ ރަށްރަށް ކުއްޔަށް ދޫކުރުމުގެ ތާވަލުތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހާ ހިއްސާކުރަން ޖެހޭނެއެވެ. 1998 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ކުރީގެ ޤާނޫނީ އޮނިގަނޑުގައިވެސް ފަޅުރަށްރަށް ދޫކުރުމުގެ އެންމެ ފަހުގެ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.



