ރިސޯޓުތަކަށް ލިބޭ އެމެރިކާ ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއިން މާރުކުރަން ލާޒިމުކުރާ ބޭރު ފައިސާއާ ބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ. މި ބިލު ތަސްދީގުކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ބިލު ފުރަތަމަ ހުށަހެޅިއިރު އޮތީ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ މަގުން ނުވަތަ ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށެވެ. ނަމަވެސް، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފަހުން ވަނީ އެ އަދަދު 40 އިންސައްތައަށް އިތުރުކޮށް ބިލު އިސްލާހުކޮށްފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރެފަރެންސް ރޭޓަށް ވުރެ މަތީ ރޭޓެއްގައި ބޭރު ފައިސާގެ އަގުތައް އިޝްތިހާރު ކުރުމާއި ޝާއިއުކުރުން މި ޤާނޫނުގެ ދަށުން މަނާކުރެއެވެ.
މި މާއްދާއާ ޚިލާފުވާ އަމިއްލަ ފަރުދުން 25,000 ރުފިޔާ އާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވިޔަފާރިތައް 5 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު ޤާނޫނުން ލިބިދެއެވެ.



