އިސްލާމިކް ޗެމްބަރ އޮފް ކޮމާސް އެންޑް ޑިވެލޮޕްމަންޓް (އައިސީސީޑީ) ގެ ސެކްރެޓަރީ ޖެނެރަލް، ޝައިޚް ޔޫސުފް ޙަސަން ޚަލާވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ހުނަރު ތަރައްޤީކުރުމާއި، ވިޔަފާރިއާއި، މެހެމާންދާރީގެ ދާއިރާއިންނާއި، ޙަލާލް ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ. މީގެއިތުރުން ޙަލާލް ފަތުރުވެރިކަން ފުޅާކުރުމާއި އިސްލާމީ އިޤްތިޞާދު ކުރިއެރުވުމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގެ ތެރެއިން ޝައިޚް ޔޫސުފް ވަނީ އަތުން ލިޔެފައިވާ ކީރިތި ޤުރުއާނުގެ ނުސްޚާއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވެދުމަށް އަރުވާފައެވެ.
އިސްލާމިކް ޗެމްބަރ އޮފް ކޮމާސް އެންޑް ޑިވެލޮޕްމަންޓަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ދަށުން ހިންގާ، އިސްލާމީ 57 ޤައުމެއްގެ ވިޔަފާރިތަކާއި ވިޔަފާރިވެރިން ތަމްސީލުކުރާ ޖަމާއަތެކެވެ. 1977 ވަނަ އަހަރު އުފެއްދި މި ޖަމާއަތުން މަސައްކަތް ކުރަނީ އިސްލާމީ ޤައުމުތަކުގެ މެދުގައި ވިޔަފާރިއާއި، އިޤްތިޞާދީ އަދި ސިނާއީ ގުޅުންތައް ބަދަހިކުރުމަށާއި، އިންވެސްޓްމަންޓްތަކާއި ޙަލާލް އިޤްތިޞާދު ކުރިއެރުވުމުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
މި ޖަމާއަތުގައި ދިވެހިރާއްޖެ ތަމްސީލުކުރަނީ މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އެމްއެންސީސީއައި) އިންނެވެ.



