ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަސް އަހަރުގެ ރިޔާސީ ދައުރު ފުރިހަމަނުވަނީސް ސަރުކާރަށް ފާޑުކިޔުމުގެ ޤާނޫނީ އަދި ސިޔާސީ ޖާގައެއް އިދިކޮޅު ފަރާތްތަކަށް ނޯންނާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރޭ ޕީއެންސީގެ މައި އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ވެރިކަން ކުރައްވަމުން ގެންދަވަނީ ސީދާ ރައްޔިތުންގެ އެދުމާ އެއްގޮތަށް ކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ޕާޓީގެ މެންބަރުންގެ އަދަދު 3،022 އިން 77،000 އަށްވުރެ މައްޗަށް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ޤައުމެއްގެ އެންމެ އިސް ލީޑަޝިޕުން އަމިއްލަ ސިޔާސީ އެޖެންޑާއެއް ގެންގުޅުމުގެ ބަދަލުގައި، ވެރިކަން ކުރެވޭނީ ރައްޔިތުންނާ އެއްފެންވަރުގައި އުޅެން ދަންނަ މީހުންނަށް ކަމަށެވެ. އަދި އެކަން ކުރައްވާ ވެރިޔަކީ ރައީސް މުއިއްޒުކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މީގެއިތުރުން، ހަޤީޤީ ތަރައްޤީއަކީ ހަމައެކަނި ޢުމްރާނީ ތަރައްޤީ ނޫން ކަމަށާއި، އެއީ އެއްބައިވަންތަ މުޖުތަމަޢެއް ބިނާކުރުން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި މިހާރުގެ އިޤްތިޞާދީ ސިޔާސަތުތައް އަމާޒުކޮށްފައިވަނީ އިތުރު ދަރަނިތައް އުފެއްދުމުގެ ބަދަލުގައި ވާރުތަވެފައިވާ ދަޢުލަތުގެ ދަރަނިތައް ޚަލާޞްކުރުމަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސެޕްޓެމްބަރު 15 އިން 18 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ސެނެޓް ބައްދަލުވުމަށް އަލިއަޅުއްވާލައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، 2028 ވަނަ އަހަރު ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ކަށަވަރުކޮށްދިނުމަށްޓަކައި ކެމްޕޭން އޮނިގަނޑުތައް ލީޑަޝިޕުން އެ ބައްދަލުވުމުގައި އެކަށައަޅައި ފައިނަލް ކުރާނެ ކަމަށެވެ.



