ކުންފުނީގެ ގާނޫނު (ގާނޫނު ނަންބަރު 7/2023) ގެ 15 ވަނަ މާއްދާގެ ދަށުން، “މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް ލިމިޓެޑް” ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފިއެވެ. މި ކުންފުނި އުފައްދަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 14/2026 ގެ ދަށުންނެވެ.
މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އައުގާފް ބިނާތައް ތަރައްގީކޮށް ބެލެހެއްޓުމެވެ.
މީގެއިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ އިތުރުން މިސްކިތްތަކަށް ބޭނުންވާ އެކިއެކި ވަސީލަތްތައް ފޯރުކޮށްދީ ތަރައްގީކުރުމުގެ މަސައްކަތްވެސް މި ކުންފުނިން ކުރިއަށް ގެންދާނެއެވެ.
އަދި އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރިތަކާ ގުޅުންހުރި ހަރަކާތްތައް ހިންގުމާއި، އެފަދަ އިންވެސްޓްމަންޓްތައް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކޮށް ބެލެހެއްޓުމުގެ މަސައްކަތްތައްވެސް މި ކުންފުނީގެ ދަށުން ކުރިއަށްދާނެއެވެ.



