ކުރިއަށް އޮތް ދިރާސީ އަހަރުން ފެށިގެން ގްރޭޑް 1، 2 އަދި 3 ގެ ދަރިވަރުންގެ ފޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިއަދު ފެށި އަށްވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ، މި ބަދަލުތަކަކީ ތައުލީމީ ނިޒާމު އިތުރަށް ހަރުދަނާކޮށް ރަނގަޅު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ބައެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހަމައެކަނި ފޮތްތަކަށް ބަދަލު ގެނައުމަކުން ހަގީގީ ބަދަލެއް ނުފެންނާނެ ކަމަށެވެ. އޭގެ ބަދަލުގައި މުދައްރިސުންގެ މަސައްކަތާއި، ޅަފަތުގެ ތައުލީމުގައި ކިޔަވައިދިނުމަށް ގެންގުޅޭ އުސޫލުތައް މާ މުހިންމު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މާޒީގައި އޭ ލެވެލް ހަދާ ދަރިވަރުންގެ ނިސްބަތް އުޅުނީ 30 އިން 40 އިންސައްތައިގައި ކަމަށާއި، ނަމަވެސް މިއަދު އެ އަދަދު 50 އިންސައްތައަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މާލޭ ވޮކޭޝަނަލް ސްކޫލް މެދުވެރިކޮށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، މި އަދަދު 60 އިންސައްތައަށް މަތިކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވެސް ވިދާޅުވިއެވެ.
ސްކޫލްތަކުގައި މިހާރު ބޭނުންކުރަމުންދާ ފޮތްތަކަކީ އެންމެ ފަހުން 2016 ވަނަ އަހަރު ބަދަލުކޮށްފައިވާ ފޮތްތަކެކެވެ. އެހެންކަމުން ކުރިއަށް އޮތް ބަދަލަކީ އޭގެ ފަހުން ގެނެވޭ ފުރަތަމަ ބޮޑު ބަދަލެވެ.



