ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޮޑުލުމާއި އެއާ ގުޅުންހުރި އަލާމާތްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭ އިން ބުނީ ހޮޑުލުން ގިނަވުމާއި އެހެނިހެން އާދަޔާ ޚިލާފު އަލާމާތްތައް ފެންނަނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އިރުޝާދުދޭ ކަމަށެވެ.
އަދި ވަރުދެރަވުން، ބޯއެނބުރުން، ކަރު ހިއްކުން، ބަނޑުގައި އާދަޔާ ޚިލާފު ރިއްސުން، ހޮޑުގައި ނުވަތަ ބޮޑުކަމުދާއިރު ލޭގެ އަސަރު ހުރުން، އަދި ކުޑަކަމުދެވޭ މިންވަރު މަދުވުން ފަދަ އަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އެޗްޕީއޭ އިން އެދިފައިވެއެވެ.
ހޮޑުލާނަމަ ގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި، ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ލޮނުޕެކެޓް، ފެން އަދި ސޫޕް ފަދަ ތަކެތި ބޭނުންކުރުމަށް އިރުޝާދު ދީފައިވެއެވެ. އަދި ފާޚާނާ ކުރުމަށްފަހުގައާއި، ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން އަދި ކެއުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން ފަދަ އަމިއްލަ ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން، މި ބަލީގެ އަލާމާތްތައް ފެންނަ ކުދިން ބަލި ފަސޭހަވެ، އަލާމާތްތައް ކެނޑޭތާ މަދުވެގެން އެއް ދުވަސް ވަންދެން ސްކޫލަށް ނުފޮނުވައި ގޭގައި ބޭތިއްބުމަށާއި، ބަލި ޖެހިފައިވާ މީހުންވެސް މި މުއްދަތުގައި ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރުމަށް އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފައެވެ.



