ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރަސްމީ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މެލޭޝިއާގެ ލީޑަރަށް ރަސްމީކޮށް މަރުޙަބާ ދެންނެވުމުގެ ގޮތުން ޖުމްހޫރީ މައިދާނާއި، ޢިއްޒުއްދީން ފާލަން އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭ ސަރަޙައްދުގައި ރަސްމީކޮށް މަރިހަބާ ދެންނެވުމުގެ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ. މީގެއިތުރުން ޖުމްހޫރީ މައިދާން ޒީނަތްތެރިކުރުމާއި އެހެނިހެން އިންތިޒާމުތައްވެސް ދަނީ ހަމަޖައްސަމުންނެވެ.
ރައީސް ޑރ. މުޢިއްޒު މި ދަޢުވަތު މެލޭޝިއާގެ ބޮޑުވަޒީރަށް އެރުވީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު އެމަނިކުފާނު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މިއީ ނޮވެމްބަރު 2022 ގައި މެލޭޝިއާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ބޮޑުވަޒީރު އަންވަރު ރައީސް ޑރ. މުޢިއްޒުއާ ބައްދަލުކުރައްވައި، ދެޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ދެޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ މައްޗަށެވެ.
މީގެއިތުރުން، ދެޤައުމުން ގުޅުން ބަދަހިކުރެވިދާނެ އައު ދާއިރާތައް ދެނެގަތުމަށާއި، ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށްވެސް ވަނީ ރޭވިފައެވެ.



