ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އިންތިޒާމުތައް ފުރިހަމަ ކޮންގްރެސް މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ. މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންގްރެސްގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މެންބަރުން މިހާރު ދަނީ މާލެ އަންނަމުންނެވެ.
މި ކޮންގްރެސްގައި ޕާޓީގެ އިސް މަގާމުތަކަށް މެންބަރުން އިންތިޚާބު ކުރުން އޮންނާނެއެވެ. އެގޮތުން ނައިބު ރައީސްކަމުގެ 6 މަގާމަށް 8 މެންބަރަކު ވާދަކުރައްވާއިރު، ކޮންގްރެސް ކައުންސިލްގެ އަންހެނުންގެ 10 ގޮނޑިއަށް 22 މެންބަރުން ވާދަކުރެއެވެ. އަދި ޒުވާނުންގެ 7 ގޮނޑިއަށް 13 މެންބަރުން ވާދަކުރާއިރު، އާންމު މެންބަރުންގެ 18 މަގާމަށް 73 މެންބަރަކު ވަނީ ކުރިމަތިލާފައެވެ. އާންމު މެންބަރުންގެ 9 މަގާމަކަށް ކުރިމަތިލާފައިވަނީ ހަމައެކަނި ބޭނުންވާ އަދަދަށް ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ވާދަވެރިއަކު ނެތުމުގެ ސަބަބުން ޕާޓީގެ މުހިންމު ބައެއް މަގާމުތައް މިހާރު ވަނީ ބައެއް ބޭފުޅުންނަށް ކަށަވަރުވެފައެވެ. އޭގެ ތެރޭގައި އަންހެނުންގެ ހަރަކާތުގެ ރައީސްކަމަށް ހީނާ ވަލީދު، ނައިބު ރައީސްކަމަށް އާމިނަތު ހުސައިން ޝަރީފް، ސެކްރެޓަރީ ކަމަށް އާމިނަތު ނާސިހާ އަދި ޚަޒާންދާރު ކަމަށް އާމިނަތު ޝިޒްލީން ވަނީ ހޮވިވަޑައިގެންފައެވެ.
މީގެއިތުރުން ޒުވާނުންގެ ހަރަކާތުގެ ރައީސްކަމަށް އިބްރާހީމް އަބާން އަބްދުﷲ ލަތީފް، ނައިބު ރައީސްކަމަށް ހަސަން ޝަހީދު، ސެކްރެޓަރީ ކަމަށް އިސްމާއީލް އަޒްމީ އަދި ޚަޒާންދާރު ކަމަށް މުހައްމަދު ރިފާއު ވަނީ ހޮވިވަޑައިގެންފައެވެ.
ޕީއެންސީން ބުނީ އެކި އަތޮޅުތަކުން މާލެ އަންނަ މެންބަރުންނަށް މަރުހަބާ ކިޔުމާއި އިދާރީ އެންމެހައި އިންތިޒާމުތައް މިހާރު ފުރިހަމަކުރަމުންދާ ކަމަށެވެ. ޖުމްލަ 78،505 މެންބަރުންނާއެކު ޕީއެންސީ އަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ.



