2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ޓިކެޓް، ޕާޓީގެ ޕްރައިމަރީއަކާ ނުލައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ރަސްމީކޮށް އަރުވައިފިއެވެ.
ހުކުރު ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ރައީސް މުޢިއްޒަށް މި ޓިކެޓް އަރުވާފައިވަނީ ޕީއެންސީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ޕާޓީގެ އިސް ވެރިންނެވެ.
2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕްރައިމަރީއަކާ ނުލައި ރައީސް މުޢިއްޒަށް ޕާޓީގެ ޓިކެޓް އެރުވުމަށް ޕީއެންސީގެ ކޮންގްރެސް އިން އިއްތިފާޤުން ފާސްކުރީ ބުރާސްފަތި ދުވަހުއެވެ. މި ޤަރާރު ފާސްވީ އަތްމައްޗަށް ނަގައިގެން ވޯޓު ދިން 1،119 މެންބަރުންގެ އިއްތިފާޤުންނެވެ. މި ޤަރާރު ހުށަހެޅުއްވީ ޕީއެންސީގެ މެންބަރު ޢަބްދުﷲ އިބްރާހީމްއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ޤަރާރު ހުށަހެޅީ ރައީސް ވެރިކަމުގައި ހޯއްދަވާފައިވާ ކާމިޔާބީތަކާއި، ޤައުމީ މިނިވަންކަމާއި އިޤްތިޞާދީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް ކުރައްވާ މަސައްކަތްޕުޅުތަކަށް ބަލައިފައެވެ.
ޕީއެންސީއަކީ މިހާރު ރާއްޖޭގައި ރަޖިސްޓްރީވެފައިވާ އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އިލެކްޝަންސް ކޮމިޝަންގެ ރެކޯޑުތައް ދައްކާ ގޮތުން ޖޫން 30 ގެ ނިޔަލަށް އެ ޕާޓީގައި 67،579 މެންބަރުން ތިބިއިރު، ފަހުން ޕާޓީން ވަނީ މެންބަރުންގެ ޢަދަދު 80،000 އިން މައްޗަށް އަރާފައިވާ ކަމަށް އިޢުލާނުކޮށްފައެވެ.
ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙް ކޮންގްރެސްގައި ވިދާޅުވީ ޕާޓީގެ މެންބަރުންގެ ޢަދަދު 79،364 އަށް އަރާފައިވާ ކަމަށާއި، އަމާޒަކީ 100،000 މެންބަރުން ހަމަކުރުން ކަމަށެވެ. އަދި އޭގެ ފަހުން ރައީސް މުޢިއްޒު ވަނީ ޕާޓީގެ މެންބަރުންގެ ޢަދަދު 80،083 އަށް އަރާފައިވާކަން އިޢުލާނުކުރައްވާފައެވެ.



