ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސިޔާސީ ފަލްސަފާއަކީ އެންމެ ޒުވާން ކުއްޖާއަށް ވެސް ވަރަށް ފަސޭހައިން ދެނެގަނެވި، ޤަބޫލުކުރެވޭނެ ސާފު ފިކުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް ސެންޓަރުގައި ބޭއްވި ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އަންނަން އޮތް ޖީލުތަކަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދިނުމަށްޓަކައި “ދިވެހިންގެ ރާއްޖެ” މި ޤައުމީ ޝިޢާރު އެންމެ ފުރަތަމަ އިސްނެގި ޕާޓީއަކީ ޕީއެންސީ ކަމަށެވެ.
ޤައުމު އިސްކުރުމުގެ މުހިންމުކަމާމެދު ޕާޓީގެ އެތެރޭގައި އެއްވެސް ޚިޔާލުތަފާތުވުމެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ނަޒަރުގައި ހުރިހާ ދިވެހި ރައްޔިތުންނަކީވެސް ހަމަހަމަ ބައެއް ކަމަށާއި، މި ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްކުރާނީ އެއްވެސް މީހަކު ބާކީނުކޮށް، ޢަދުލުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ނިންމާ ކޮންމެ ނިންމުމެއްގައިވެސް ޤައުމު އިސްކުރެވޭތޯ އަމިއްލަ ނަފްސާ ސުވާލުކޮށް، ޒިންމާދާރުކަމާއެކު ޢަމަލުކުރުމަށް ރައީސް ވަނީ ހުރިހާ ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ޤައުމީ މަޞްލަޙަތާ ގުޅޭ ކަންކަމުގައި ވިސްނާއިރު ސިޔާސީ ޕާޓީތަކަކީ މައިގަނޑު އަމާޒަށް ވެގެން ނުވާނެ ކަމަށެވެ. އަދި އަބަދުވެސް ޤައުމު އިސްކުރުމަކީ ސަރުކާރުގެ ސިޔާސަތުތަކާއި ޕީއެންސީން ކުރަމުންދާ މަސައްކަތްތައް ޤައުމީ މަޞްލަޙަތާ އެއްގޮތަށް ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ލިބޭނެ ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.



