އއ. ތޮއްޑޫގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގައި އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، މޯލްޑިވްސް އިމިގްރޭޝަނުން އެ ރަށުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 107 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، އިއްޔެ ހެނދުނު 6:00 އިން ހަވީރު 4:00 އަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ޖުމްލަ 507 ބިދޭސީން ވަނީ ޗެކްކޮށްފައެވެ. އަދި އޭގެ ތެރެއިން އިމިގްރޭޝަންގެ ގަވާއިދުތަކާ ޚިލާފުވެފައިވާ ކަމަށް ތުހުމަތުކުރެވޭ 107 މީހަކު ވަނީ އިތުރު ފިޔަވަޅު އެޅުމަށްޓަކައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ތޮއްޑޫއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ އެއް ރަށް ކަމަށްވާއިރު، އެ ރަށުގެ ގިނަ އާއިލާތަކަކީ ދަނޑުވެރިކަމުން އާމްދަނީ ހޯދާ އާއިލާތަކެކެވެ. އެހެންކަމުން، ގަވާއިދާ ޚިލާފަށް ހުއްދައެއް ނެތި ބިދޭސީން ދަނޑުތަކުގައި މަސައްކަތްކުރަމުންދާ ކަމަށް ބުނެ ރަށުގެ ރައްޔިތުން މީގެ ކުރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި އޮޕަރޭޝަނަކީ އިމިގްރޭޝަންގެ ގަވާއިދުތަކާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ބިދޭސީން ދެނެގަނެ، އެމީހުންނާ މެދު ފިޔަވަޅު އެޅުމަށް ސަރުކާރުން ފަށާފައިވާ ފުޅާ މަސައްކަތުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ. މިގޮތުން މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މުޅި ރާއްޖޭގައި ދަނީ މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.



