ޒުވާނުންނަށް ހިލޭ ކައުންސެލިންގއާއި، ނަފްސާނީ އެހީތެރިކަމުގެ އިތުރުން ވެލްބީންގގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޚާއްސަ ހޮޓްލައިނެއްގެ ގޮތުގައި 1456 ހަމަޖައްސަފިއެވެ.
ޔޫތު، އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން ހާމަކުރިގޮތުގައި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް މި ހޮޓްލައިން މެދުވެރިކޮށް ޚިދުމަތް ލިބޭނެއެވެ. އެހީތެރިކަން ބޭނުންވާ ޒުވާނުންނަށް 1456 އަށް ގުޅައިގެން މި ޚިދުމަތްތައް ހޯދޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި ހޮޓްލައިން މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ވަކިވަކި ފަރުދުންނަށާއި އާއިލާތަކަށް ބޭނުންވާ ކައުންސެލިންގ، ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ އެހީތެރިކަން އަދި ސައިކޮލޮޖިކަލް ފަސްޓް އެއިޑް ހިމެނެއެވެ. މީގެއިތުރުން، ގުޅާ ފަރާތްތަކުގެ ބޭނުންތަކަށް ބަލައި އިރުޝާދު ދިނުމާއި، އިތުރު އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި އެކަށީގެންވާ އެހެނިހެން ޚިދުމަތްތަކަށް މަގުދައްކައިދިނުން ވެސް މި ޚިދުމަތުގެ ތެރޭގައި ހިމެނެއެވެ.
ޒުވާނުންގެ ޖުމްލަ ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުން ހެލްތު ސްކްރީނިންގ ހެދުމާއި، ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމްތަކާއި ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ސެޝަންތައް ވެސް މި ހޮޓްލައިން މެދުވެރިކޮށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި އިސްނެގުމުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ދުޅަހެޔޮކަމާއި ވެލްބީންގއާ ގުޅުންހުރި ކަންކަމުގައި ޒުވާނުންނަށް ފަސޭހަކަމާއެކު ލަފަޔާއި އިރުޝާދު އަދި އެހީތެރިކަން ހޯދޭނެ ޚާއްސަ މަގެއް ފަހިކޮށްދިނުމެވެ.



