ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ގައުމީ މަހާސިންތާ (ކޮންގްރެސް) ނިމުމާއެކު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެ ޕާޓީގެ ކެމްޕޭން ޓީމު މިހާރު އެކުލަވާލެވިފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރޭ ޕާޓީ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ ކޮންގްރެސް އިންތިޒާމުކުރުމުގައި އެހީތެރިވެދިން ޕާޓީގެ މެންބަރުންނަށާއި ސަޕޯޓަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.
އޭނާ ވިދާޅުވީ 2028 ވަނަ އަހަރުގެ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ފެށުމަށް ޕާޓީ މިހާރު އޮތީ ތައްޔާރަށް ކަމަށާއި، އެއްވެސް ލަސްކުރުމެއް ނެތި މަސައްކަތް ފެށުމަށް ޕީއެންސީގެ މެންބަރުންނަށް ގޮވާލައްވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް 2028 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ކޮންގްރެސްގެ ތެރޭގައި ދެއްކި ފަދަ ހިތްވަރަކާއި މަސައްކަތެއް ކުރިއަށް އޮތް ތަނުގައި ވެސް ދަމަހައްޓަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންސީގެ ކޮންގްރެސްއިން ވަނީ ޕްރައިމަރީއަކާ ނުލައި 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވުމަށް އިއްތިފާގުން ގަރާރެއް ފާސްކޮށްފައެވެ. މި ގަރާރަށް ވޯޓުގައި ބައިވެރިވި ހުރިހާ 1,119 މެންބަރުން ވަނީ ތާއީދުކޮށްފައެވެ.
ރަސްމީކޮށް މި ޓިކެޓް ރައީސް މުޢިއްޒާ ހަވާލުކުރެއްވީ ސެޕްޓެމްބަރު 18 ވަނަ ދުވަހު ބޭއްވި ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.
މީގެއިތުރުން، މި ކޮންގްރެސްއަކީ ޕާޓީއަށް ވަރަށް މުހިންމު ބޮޑު ހަރަކާތެއްގެ ގޮތުގައި ފާހަގަކުރައްވައި، މިއިވެންޓް އިންތިޒާމުކުރުމަށް އެތައް މަހެއް ވަންދެން މަސައްކަތްކުރި ޕާޓީގެ މުވައްޒަފުންނާއި ސަޕޯޓަރުންގެ މަސައްކަތް އަބްދުއްރަހީމް ވަނީ ފާހަގަކުރައްވާފައެވެ.



