ޑައިވިންގ އަށް ގޮސް އުޅުނު ރ. ދުވާފަރު ޒުވާނަކު މަރުވެއްޖެއެވެ. މި ހާދިސާގައި މަރުވެފައިވަނީ ރ. ދުވާފަރު، ލިލީމާގެ، އުމުރުން 30 އަހަރުގެ މުޙައްމަދު ޝައްފާން އެވެ.
ފުލުހުން ވިދާޅުވީ، ޑައިވިންގ އަށް ދިޔަ މީހަކު މަރުވެފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އަންގާރަ ދުވަހުގެ މެންދުރުފަހު 3:15 ހާއިރު ކަމަށެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ށ. މަރޮށި ކައިރިންނެވެ.
ޝައްފާން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން ކުރިއަށްގެންދާ ތަޙުޤީޤުގެ ބޭނުމަށް، ސީޓީ ސްކޭނާއި ފޮރެންސިކް ތަޙުލީލުތައް ހެދުމަށްޓަކައި އޭނާގެ ހަށިގަނޑު މިހާރު ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ބާއްވާފައެވެ. އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އިތުރު އިޖުރާއާތުތައް ފުރިހަމަކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.



