ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު އަންހެނަކު ހިފަހައްޓައި، އޭނާގެ އަތުން ފައިސާ ފޭރެން އުޅުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލަ ފުލުހުން ބަލަން ފަށާފައިވަނީ އެ ހާދިސާ ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވުމާ ގުޅިގެންނެވެ.
މި ހާދިސާ ހިނގާފައިވަނީ ދުވާލުގެ ވަގުތެއްގައެވެ. އިންޓަނެޓުގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، އެ ފިރިހެން މީހާ އަންހެން މީހާ ހިފަހައްޓައިގެން އުޅޭއިރު، އެ އަންހެން މީހާ ދަނީ ރޮއި އެހީއަށް އެދި ގޮވަމުންނެވެ.
އަދި އެ ސަރަހައްދުގައި ހުރި އެހެން މީހަކު އެކަމުގެ ތެރެއަށް ވަދެ، އަންހެން މީހާ ދޫކޮށްލުމަށް އެ ފިރިހެން މީހާއަށް އަންގާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. އެއަށްފަހު އޭނާ ވަނީ އަންހެން މީހާ ދޫކޮށްލާފައެވެ. އަދި އެތަނުގައި ތިބި މީހުން އޭނާއަށް އިންޒާރު ދޭ މަންޒަރު ވެސް ފެނެއެވެ.
ފުލުހުން ބުނީ މި މައްސަލަ ރ. އަތޮޅު ޕޮލިހަށް ރިޕޯޓްކޮށްފައިވާ ކަމަށާއި، މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.



