އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބާއްވާ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން 2026 ފަށައިފިއެވެ. ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފެށުމަށްޓަކައި މިއަދު ހެނދުނު ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، އިސްލާމީ ދަޢުވަތުގެ މަސައްކަތް މުޅި ރާއްޖޭގައި ކުރެވޭނީ އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެންކަން ފާހަގަކުރައްވާ އިސްލާމީ ދަޢުވަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ މިފަދަ ޒަމާނެއްގައި އެކުވެރިކަމާއެކު ކުރެވޭ މަސައްކަތްތަކަކީ ކާމިޔާބު މަސައްކަތްތަކަކަށް ވެގެންދާނެކަމަށް ވިދާޅުވެފައެވެ. އަދި އަޅުގަނޑުމެން އެއްބަޔަކު އަނެއް ބަޔަކަށް ވާން ޖެހޭނީ އެއްބަޔަކު އަނެއްބަޔަކު ފުރިހަމަކޮށްދޭ ބަޔަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ފާއިތުވެދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި އިސްލާމީ ދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވަރަށް ގާތުން މަސައްކަތްކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެގޮތުން ދީނީ ދަޢުވަތުގައި މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ އެކިއެކި ވަސީލަތްތައް ހޯދައިދިނުމަށް ފާއިތުވެދިޔަ ދެ އަހަރު ދުވަހު 1.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާނެކަމަށާއި އޭގެ ތެރޭގައި އިސްލާމީ ސްޓޫޑިއޯތައް ޤާއިމުކުރުމާއި، ޤުރުއާން ކުލާސްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުން ފަދަ ކަންކަން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވަރަށް ރަނގަޅަށް ހިނގާ ޖަމްޢިއްޔާތަކަށް މާލީ ގޮތުން ދެމެހެއްޓެނިވި ވަސީލަތްތައް ޤާއިމްކޮށްދިނުމަށް ވުޒާރާއިން މަސައްކަތް ކުރަމުންދާކަމަށް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިއަހަރުގެ މި ބައްދަލުވުމުގައި 53 ޖަމްޢިއްޔާއަކުން 60 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ’21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު’ މި މަޢުޟޫއުއަށެވެ.



