ދީނީ ދައުވަތު ފެތުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް އެހީތެރިވުމުގެ ގޮތުން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން 1.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ދީނީ ޖަމިއްޔާތަކުގެ 2026 ވަނަ އަހަރުގެ އަހަރީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ޖަމިއްޔާތަކުގެ ހަރަކާތްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އޭގެ ތެރޭގައި އިސްލާމިކް ސްޓޫޑިއޯތައް ގާއިމުކުރުމާއި، ގުރުއާން ކްލާސްތަކަށް ބޭނުންވާ ސާމާނާއި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން، ހަރަކާތްތެރިކަމާއެކު މަސައްކަތްކުރާ ޖަމިއްޔާތަކަށް ދެމެހެއްޓެނިވި މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް ފާހަގަކުރެއްވި ގޮތުގައި، ދީނީ ދައުވަތު ފެތުރުމުގެ މަސައްކަތް އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގެންދެވޭނީ މި ދާއިރާގައި މަސައްކަތްކުރާ ޖަމިއްޔާތަކާއި ގްރޫޕުތަކުގެ މެދުގައި އޮންނަ އެއްބާރުލުމުންނެވެ. އަދި މިއަދު ދީނީ ދައުވަތު ފެތުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު، ބަދަހި ގުޅުމެއް އޮތުން ވަކިން ހާއްސަކޮށް މުހިންމު ކަމަށް ވިދާޅުވިއެވެ.
ވަކިވަކިން މަސައްކަތް ކުރުމުގެ ބަދަލުގައި، ޖަމިއްޔާތަކުން އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުންދީ، އެހީތެރިވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިފަދަ އެއްބާރުލުމުގެ ސަބަބުން މުޅި ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، 2026 ވަނަ އަހަރުގެ މި އަހަރީ ބައްދަލުވުމުގައި 53 ޖަމިއްޔާއަކުން 60 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.



