ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކުގެ މިލްކަކަށް ވާނީ ހަމައެކަނި އެ ޕްރޮޕަޓީ ކަމަށާއި، އެ ޕްރޮޕަޓީ ހިމެނޭ ބިމަކީ ދިވެހި ދައުލަތުގެ މިލްކެއް ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓް ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްޠަލިބު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްމާލޭގެ ޕްރޮޕަޓީއެއް ވިއްކާލާނަމަ ނުވަތަ އެ ފަރާތެއް މަރުވުމުން ވާރުތަވާނީ ދިވެހި ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުއްދަ ދީފިނަމަ ކަމަށެވެ. އަދި ސަރުކާރުން ހުއްދަ ދޭނީ އެކަމަށް ކަނޑައެޅިފައިވާ ފީ ނެގުމަށްފަހު ކަމަށްވުމުން، އެފަދަ ތަންތަން އޮޓޮމެޓިކުން ވާރުތަވާނެ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރާއްޖޭގައި ހުރި ބޭރު ފަރާތްތަކުގެ ރިސޯޓުތަކާއި ވިޔަފާރިތަކަކީވެސް މި އުސޫލުން ވިއްކައި، ބަދަލުކޮށް، އަދި ވާރުތަވާ މުދާ ކަމަށް ވިދާޅުވިއެވެ.
ރަސްމާލެއިން ޕްރޮޕަޓީ ގަތުމާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެތަނުން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އެމީހެއްގެ އާއިލާއަށް އޮޓޮމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށެވެ. ވިސާ ދިނުމަކީ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ އިދާރާއިން ކުރާ ކަމެއް ކަމަށާއި، ވިސާ ދޫކުރުމާއި ކެންސަލްކުރުމުގެ ފުރިހަމަ ބާރު އޮންނާނީ އިމިގްރޭޝަނަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ދައުލަތަކީ ފަޚުރުވެރި މިނިވަން ދައުލަތެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، ދައުލަތް ތަނަވަސްވެ ތަރައްގީ ވަމުން ދިއުމަކީ އިސްތިގުލާލު ވަރުގަދަވެ އެހެން ގައުމުތަކުގެ ނުފޫޒުން ސަލާމަތްވެ އޮތުމަށް މުހިންމު ކަމެއް ކަމަށެވެ. އަދި ދިވެހި ދައުލަތް މުއްސަނދިވުމަކީ ރާއްޖެއަށް ނުފޫޒު ފޯރުވަން ބޭނުންވާ ފަރާތްތަކުން އެދޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ ކުރު މުއްދަތުގެ މަންފާއެއް ނޫން ކަމަށާއި، ޖީލުތަކަށް ދެމިގެންދާ ފަދަ ތަރައްގީގެ މަޝްރޫއުތައް ކަމަށެވެ.



