އަމީނީ މަގުން މަރާމާތުކުރި ބައިތަކުގެ މަސައްކަތް ނިންމައި އާންމުންނަށް އަލުން ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރުން ބުނެފިއެވެ.
އަމީނީ މަގުގެ ދެ ސެކްޝަނެއްގެ މަރާމާތު މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ސަރަހައްދުން ފެށިގެން ދަރުބާރުގެއާ ހަމައަށް އޮތް ބަޔާއި، އެމްއެންޔޫ ކުރިމަތީ އޮތް ސަރަހައްދު ހިމެނެއެވެ.
މި މަޝްރޫއުގެ ތިންވަނަ ސެކްޝަންގެ މަސައްކަތް ރޭ ވަނީ ފަށާފައެވެ. އެއީ އިހުސާނުއްދީން މަގުން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮތް ސަރަހައްދެވެ. މެންދަމު 12:00 އިން ފެށިގެން މި ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ފުލުހުން ބަދަލު ގެންނާނެ ކަމަށް ބުނެފައިވާއިރު، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން ވަނީ އެދިފައެވެ.
އެމްޓީސީސީން ބުނި ގޮތުގައި ތިންވަނަ ސެކްޝަންގެ މަސައްކަތުގެ ތެރޭގައި، މަގުގެ މިހާރުގެ ތާރުގަނޑު ނަގައި، ގާތްގަނޑަކަށް 1،925 އަކަމީޓަރުގެ ސަރަހައްދެއްގައި އެގްރިގޭޓް ބޭސް ކޯސް އަޅައި އަލުން ތާރު އެޅުން ހިމެނެއެވެ. މީގެ އިތުރުން ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް އޮތް ހަތަރުވަނަ ސެކްޝަންގައި ވެސް މިފަދަ މަރާމާތުތައް ކުރިއަށްދާނެއެވެ.
މި މަޝްރޫއަކީ ބަހާއި އެހެނިހެން ގިނަ އުޅަނދުތައް ދުއްވުމުގެ ސަބަބުން ހަލާކުވެފައިވާ އަމީނީ މަގުގެ ބައިތައް ރަނގަޅު ފެންވަރަކަށް ގެނައުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މީގެ އިތުރުން ވެސް މާލޭގެ އެހެން މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުތައް މިހާރު ދަނީ ހިންގަމުންނެވެ.



