ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މ. ދޫރިހިޔާ، ޝަމްއޫން ހަމީދު އައްޔަންކުރައްވައިފިއެވެ.
ޝަމްއޫން ހަމީދު އެ މަގާމަށް އައްޔަންކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޝަމޫން ހަމީދަށް މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. ހުވާ ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާއަށް މެންބަރުކަމުގެ ލިޔުން ހަވާލުކުރައްވާފައެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން ޝަމޫން ހުންނެވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައެވެ.
ޝަމްއޫން ހަމީދަކީ މީގެ ކުރިން ވެސް އެޗްއާރުސީއެމްގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2010 އިން 2012 އަށް އެ ކޮމިޝަނުގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރުކަން ކުރައްވާފައިވާއިރު، 2012 އިން 2016 އަށް އޭނާ ވަނީ އެޗްއާރުސީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރައްވާފައެވެ.
މީގެ އިތުރުން، ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ރިޕޯޓާ ގުޅޭގޮތުން އެ ކޮމިޝަނުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތް ކުރެއްވިއެވެ. ހަމައެއާއެކު، ކުޑަކުދިންގެ ހައްގުތަކާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތައުލީމީ ފުރުސަތުތަކާ ގުޅޭ ގައުމީ ދިރާސާތަކުގައި ވެސް އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.



