މޯލްޑިވްސް ޕޮލިސް ސާވިސްގެ ރަސްމީ ތަރުޖަމާނުގެ މަގާމަށް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދުން ފެށިގެން ހަމަޖައްސައިފިއެވެ.
ފުލުހުން ވިދާޅުވީ، ޝިޔާމް މި މަގާމާ ހަވާލުވެވަޑައިގަންނަވަނީ މީގެ ކުރިން ތަރުޖަމާނުގެ މަގާމުގައި ހުންނެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާރިފްގެ ބަދަލުގައި ކަމަށެވެ.
އަހުމަދު ޝިޔާމަކީ މީގެ ކުރިން، 2014 ވަނަ އަހަރު ފުލުހުންގެ ހިދުމަތުން ވަކިވެވަޑައިގަތުމުގެ ކުރިން ވެސް ފުލުހުންގެ ތަރުޖަމާނުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ޝިޔާމް މަގާމުން ވަކިކުރީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރަކަށް ހުންނެވި ދުވަސްވަރު ގާނޫނާއި ގަވާއިދުތަކާ ހިލާފުވި ކަމަށް ބުނެ އަޅާފައިވާ ޑިސިޕްލިނަރީ ފިޔަވަޅަކާ ގުޅިގެންނެވެ. އެހެން ނަމަވެސް، އޭނާ ވަނީ މަގާމުން ވަކިކުރި މައްސަލަ ކޯޓަށް ހުށަހަޅާފައެވެ.
ހައިކޯޓުން ފަހުން ވަނީ ޝިޔާމް އަލުން ވަޒީފާއަށް ރުޖޫއަކުރުމަށާއި، ވަޒީފާއިން ވަކިކޮށްފައި ހުރި މުއްދަތުގެ މުސާރައާއި އިނާޔަތްތައް ދައުލަތުން ދިނުމަށް ހުކުމްކޮށްފައެވެ. ކޯޓުގެ މި ހުކުމާ ގުޅިގެން ފުލުހުން ވަނީ މިދިޔަ މަހު އޭނާ އަލުން ވަޒީފާއަށް ނެރެފައެވެ. ނަމަވެސް، ބަދަލު ދިނުމާ ގުޅޭ ބައި ދައުލަތުން ވަނީ މަތީ މަރުހަލާގައި އިސްތިއުނާފު ކޮށްފައެވެ.



