އެމެރިކާގެ ނިއުޔޯކް ސްޓޭޓުގައި ހިމަބިހި (މީސްލްސް) ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ، އެ ސްޓޭޓުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ. އަދި ނިއުޔޯކްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ވެކްސިން ޖަހާ މިންވަރު ދަށްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނިއުޔޯކްގެ ގަވަރުނަރު ކެތީ ހޯކުލް މި ކުއްލި ހާލަތު އިއުލާނުކުރެއްވީ ހޯމަ ދުވަހުއެވެ. މި ނިންމުން އަންނަ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ދެމިއޮންނާނެއެވެ.
ސްޓޭޓުގެ ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި، ޖުލައި 15 ގެ ފަހުން އެކަނިވެސް އެކި ރަށްފުށު ސަރަހައްދުތަކުން 92 ކޭސް ވަނީ ފެނިފައެވެ.މި އަހަރުގެ މިހާތަނަށް ނިއުޔޯކުން ހިމަބިހީގެ 108 ކޭސް ފެނިފައިވެއެވެ. އޭގެ ތެރެއިން 7 ކޭސް ރިޕޯޓްކޮށްފައިވަނީ ނިއުޔޯކް ސިޓީން ކަމަށްވާއިރު، ބާކީ 101 ކޭސް ފެނިފައިވަނީ ސްޓޭޓުގެ އެހެން ސަރަހައްދުތަކުންނެވެ.
މި ބަލިމަޑުކަމާ ގުޅިގެން ގަވަރުނަރު ހޯކުލް ވަނީ އެމްއެމްއާރު ވެކްސިން ދެވޭނެ ސިއްހީ ހިދުމަތްތެރިންގެ ދާއިރާ ވަގުތީ ގޮތުން ފުޅާކުރައްވާފައެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި ވެކްސިން ޖަހާފައިވާ ނިސްބަތް 95 އިންސައްތައިގައި ހިފަހައްޓަން ޖެހެއެވެ.
މި އަހަރު ޕެންސިލްވޭނިއާއިން ވެސް 1،000 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާއިރު، ޓެކްސަސް، ޔޫޓާ، އޮހާޔޯ އަދި ސައުތު ކެރޮލައިނާ ފަދަ ސްޓޭޓުތަކުން ވެސް ވަނީ މި ބަލި ފެނިފައެވެ.
އެމެރިކާއިން 2000 ވަނަ އަހަރު ހިމަބިހި ނައްތާލެވިފައިވާ ކަމަށް ކަނޑައެޅި ނަމަވެސް، ވެކްސިން ޖަހާ މިންވަރު ދަށްވުމާ ގުޅިގެން މި ބަލި އަނެއްކާވެސް މިވަނީ އިތުރުވާން ފަށާފައެވެ.



