ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މިފަދަ މައްސަލައެއް ބަލަމުންދާކަން ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް، ކުއްޖާގެ ރައްކާތެރިކަމަށްޓަކައި އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މިފަދަ މައްސަލަތަކުގައި ގިނައިން ރިޕޯޓްކުރެވެނީ އަންހެން ކުދިންނަށް ކުރާ ގޯނާތައް ކަމަށް ވިޔަސް، ފިރިހެން ކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ވެސް ރިޕޯޓްކުރެވެމުންދެއެވެ.
ނޯތު ޕޮލިސްގައި ހިމެނޭ އަތޮޅުތަކަކީ ނ، ރ، ބ އަދި ޅ އަތޮޅެވެ. މިފަދަ މައްސަލަތަކާ ގުޅިގެން 18 އަހަރު ނުފުރޭ ކުޑަކުދިންގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ ގާނޫނީ ކުށެކެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި އެ ކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ޒާތީ މައުލޫމާތު އާންމު ކޮށްގެން ނުވާނެއެވެ.



