ސެޕްޓެމްބަރު 27 އިން އޮކްޓޫބަރު 3 ގެ ނިޔަލަށް ހޭދަވި ހަފުތާގައި ސްކޭމްގެ 41 މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު، މި މައްސަލަތަކުގައި 386،611 ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
އެހެން ނަމަވެސް، މި މުއްދަތުގެ ތެރޭގައި ގެއްލުނު ފައިސާގެ ތެރެއިން 381،503 ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ރިޕޯޓްކުރެވުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ މާލީ މުއާމަލާތްތަކާ ގުޅުންހުރި (ފައިނޭންޝަލް) ސްކޭމްތަކެވެ. އެގޮތުން އެފަދަ 16 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން އީ-ކޮމާސްއާ ގުޅުންހުރި 14 މައްސަލައަކާއި، އިންވެސްޓްމަންޓް ސްކޭމްގެ 5 މައްސަލައެއް ވެސް ފުލުހުން ވަނީ ރެކޯޑުކޮށްފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި ސްކޭމްތައް ހިންގާފައިވަނީ މެސެޖިން އެޕްތަކާއި، ޓިކްޓޮކް، ފޯން ކޯލް، ފިޝިން ލިންކުތައް އަދި ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށެވެ.
އެންޓި-ސްކޭމް ސެންޓަރުން ވަނީ މިހާރު މަކަރާއި ހީލަތް ހަދާ ފަރާތްތަކުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑީޕްފޭކް ކޮންޓެންޓް ބޭނުންކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އިންޒާރު ދީފައެވެ. ޝައްކުކުރެވޭ ލިންކުތައް ނުހުޅުވުމަށާއި، އޯޓީޕީ (OTP) ފަދަ ޒާތީ އެއްވެސް މައުލޫމާތެއް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކޮށް 125 އަށް ގުޅައިގެން އެކަން ރިޕޯޓްކުރުމަށް ފުލުހުން އެދެއެވެ.



