ބޮޑެތި ކުށްތަކުން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގައި ވިއްކާލެވޭނެ އާ އުސޫލުތަކެއް ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ. މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުށެއް ސާބިތުވުމަށްފަހު މުދާ ދައުލަތަށް ނެގުމުގެ އިތުރުން، ބައެއް ޚާއްޞަ ޙާލަތްތަކުގައި ކުށް ސާބިތުނުވި ނަމަވެސް އެފަދަ މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބިދެއެވެ.
މި ބިލުގެ ދަށުން ޖުމްލަ 15 ކުށެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ޓެރަރިޒަމް، މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އިންސާނީ ވަގުފާރި، މީހުން މެރުން، ކޮރަޕްޝަން އަދި ހަތިޔާރުގެ ވަގުފާރި ހިމެނެއެވެ. މީގެއިތުރުން، 500،000 ރުފިޔާއަށް ވުރެ މަތީގެ ޓެކުހާ ގުޅޭ ބައެއް ކުށްތައް ހިމެނޭހެން މާލީ ބޮޑެތި ކުށްތައް ވެސް މި ބިލުގެ ދާއިރާގެ ތެރޭގައި ހިމެނެއެވެ.
ދައުލަތަށް ނަގާ މުދާ ނީލަން ކިޔައިގެންނާއި ހުއްދަ ދެވިފައިވާ އެހެނިހެން ގޮތްގޮތަށް ވިއްކާލެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ މުދާ ވިއްކައިގެން ލިބޭ ފައިސާ، އެ ކުށުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދިނުމުގެ ފުރުޞަތު ވެސް ބިލުން ފަހިކޮށްދެއެވެ.
ދައުލަތަށް ނަގާ މިފަދަ މުދާ ބެލެހެއްޓުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްގެ ދަށުން ހިނގާ “އެސެޓް މެނޭޖްމަންޓް އޮތޯރިޓީ” ގެ ނަމުގައި އާ އިދާރާއެއް އުފެއްދުމަށް ވެސް ބިލުގައި ވަނީ ހިމަނާފައެވެ. އަދި ރާއްޖެއިން ބޭރުގައި ހުރި ކުށާ ގުޅުންހުރި މުދަލާއި ފައިސާ ހޯދައި އަނބުރާ ގެނައުމަށް އެހެން ޤައުމުތަކާ ގުޅިގެން މަސައްކަތްކުރާނެ އުސޫލުތައް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.



