ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) އިން އެނބުރި އައި ކެންޔާގެ ރައްޔިތަކު މަރުވުމާ ގުޅިގެން، އެ ގައުމުން ފުރަތަމަ ފަހަރަށް އެބޯލާ ވައިރަސް ފެނިފައިވާކަން ކަށަވަރުވެއްޖެއެވެ.
ޑީއާރުސީގައި 7 އަހަރު ދުވަހު ދިރިއުޅެމުން ދިޔަ އެ މީހާ ބަލިވެފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އަދި އޭނާއަށް އެ ގައުމުން ފަރުވާ ދެމުން ދިޔުމަށްފަހު، އެއްގަމު މަގުން ޔުގަންޑާއަށް ދަތުރުކޮށް، އޮކްޓޫބަރު 3 ވަނަ ދުވަހު ވަނީ ވައިގެ މަގުން ކެންޔާގެ ވެރިރަށް ނައިރޯބީއަށް ގޮސްފައެވެ. ނައިރޯބީއަށް ދިޔުމާއެކު އޭނާ ހޮސްޕިޓަލަށް ގެންގޮސް ވަނީ އައިސޮލޭޝަންގައެވެ.
އޭނާ ތަހުލީލުކުރިއިރު އެބޯލާގެ “ބުންޑިބުގްޔޯ” ސްޓްރެއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ދެއްކި ނަމަވެސް، ހޯމަ ދުވަހު އޭނާ ވަނީ މަރުވެފައެވެ.
ސިއްހީ އޮފިޝަލުން މިހާތަނަށް ވަނީ އެ މީހާއާ ބައްދަލުވި 28 މީހަކު ދެނެގަނެފައެވެ. އޭގެ ތެރޭގައި އޭނާގެ އާއިލާގެ މެންބަރުންނާއި ސިއްހީ ހިދުމަތްތެރިން ހިމެނެއެވެ.
މީގެ އިތުރުން، އޭނާ ދަތުރުކުރި ފްލައިޓުން ދަތުރުކުރި 23 ފަސިންޖަރުންނާއި ފަޅުވެރިންގެ 4 މީހުން ހޯދައި، އެ މީހުން މޮނިޓަރ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.



