ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާލީ ބަޔާން ހާމަކުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުއްޓުވާފައިވާ ކަމަށް ބުނެ “އަދަދު” ނޫހުން ޝާއިއުކޮށްފައިވާ ރިޕޯޓު ސަރުކާރުން ދޮގުކޮށްފިއެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ އެ ރިޕޯޓުގައި ބުނެފައިވާ ވާހަކަތަކަކީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
ރައީސް މުޢިއްޒުގެ މާލީ ބަޔާން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި މިހާރު ވެސް އާންމުކޮށް ފެންނަން ހުންނާނެ ކަމަށާއި، އެ ލިޔުން ޕީޑީއެފް ފޯމެޓުގައި ޑައުންލޯޑް ވެސް ކުރެވޭނެ ކަމަށް ޙުސައިން ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން މީގެ ކުރިން ވެސް މީޑިއާތަކާ އެ ބަޔާން ހިއްސާކޮށްފައިވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޙުސައިން ޝަރީފް ވަނީ ސިޔާސީ ބޭނުމެއްގައި ސަރުކާރާ މެދު ދޮގު މައުލޫމާތު ފެތުރުމަށް “އަދަދު” ނޫހުން މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި މިފަދަ ދޮގު ވާހަކަތަކުގެ ހަގީގަތް ސަރުކާރުން އަބަދުވެސް ރައްޔިތުންނަށް ސާފުކޮށްދެމުން ގެންދާނެ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ



