ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. މި އޮޕަރޭޝަން ފަށާފައިވަނީ އަންގާރަ ދުވަހުއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނަކީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން ޔުނިޓާއި ހާއްސަ ޓާސްކް ފޯހެއް ގުޅިގެން ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ހަތަރު ބިދޭސީންނާއި ދިވެއްސަކު ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން ބިދޭސީއަކާ ގުޅުންހުރި ފިހާރައަކާއި ދިރިއުޅޭ ތަނެއް ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް، މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ހުއްދަނެތި ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ފުލުހުންނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގުޅިގެން ވަނީ ޓާސްކް ފޯހެއް އެކުލަވާލާފައެވެ. މިފަދަ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 9388733 އަށް އެސްއެމްއެސް، ވައިބާ، ވަޓްސްއަޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ރާއްޖޭގައި ގާނޫނީ ގޮތުން ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތް ދެވޭނީ އެމްއެމްއޭއިން ދޫކުރާ ހާއްސަ ލައިސަންސް ލިބިފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.



