އޭޝިއަން ގޭމްސްގައި ވާދަކުރާ ދިވެހި ޕެރާ އެތުލީޓުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ހާއްސަ ކެމްޕޭނުގައި ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު ބައިވެރިވެވަޑައިގެން އެއްބާރުލުން ދެއްވައިފިއެވެ.
މިނިސްޓަރު ރާފިއުއަކީ “100 ސެލެބްރިޓީސް ޓޯކް ފޯ ޕެރާ އެތުލީޓްސް” (100 ސީޓީއެފްޕީ) ކެމްޕޭނުގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ވަޒީރެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ލިލީމަގުގައި ހުންނަ ޔޫތު ހަބްގައެވެ.
މި ކެމްޕޭނުގެ ދަށުން ރާއްޖޭގެ ދެ ޕެރާ އެތުލީޓުން ކަމަށްވާ އަބްދުއްރައްޒާގު އަބްދުއްސަމަދާއި ފާތިމަތު އިބްރާހީމަށް ވަނީ ބައިނަލްއަގުވާމީ ކުޅިވަރު ޝަހުސިއްޔަތުތަކުގެ ހިތްވަރުގެ މެސެޖުތައް ހަވާލުކޮށްފައެވެ.
މި ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއާއި، މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ރައީސާ އައިޝަތު ނަޒްހަތު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ ޕެރާ އެތުލީޓުންގެ ހިތްވަރާއި ކާމިޔާބީތައް ބަލައިގަނެ، އެ ކުޅުންތެރިންނަށް ހިތްވަރު ދިނުމެވެ.
މިފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖެއިން ހަތް ކުޅިވަރެއްގައި ވާދަކުރެއެވެ. އޭގެ ތެރޭގައި އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ، ޓޭބަލް ޓެނިސް، ފެތުން، ބަޑިޖެހުން އަދި ރާޅާއެޅުން ހިމެނެއެވެ.



