ހުޅުމާލޭގައި ޓޭކްއެވޭ ޚިދުމަތްދޭ ފަރާތްތައް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ “ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދަށް” އަހުލުވެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
އެޗްޑީސީއާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން މިސެޝަން ކުރިއަށް ގެންގޮސްފައިވަނީ އަންގާރަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް، ހުޅުމާލޭފަހިވެނި ކޮމިއުނިޓީ ސެންޓަރުގައެވެ. އެ ކޯޕަރޭޝަނުން ވިޔަފާރި އުސޫލުން ޓޭކްއެވޭޚިދުމަތްދޭން ހުއްދަ ދީފައިވާ އެންމެހާ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ މި ސެޝަން ނަންގަވައިދެއްވީ އެމްއެފްޑީއޭގެ ޓެކްނިކަލް މުވައްޒަފުންނެވެ.

މި އަހަރުގެ ޖޫން ނުވަވަނަ ދުވަހު އެމްއެފްޑީއޭއިން ގެޒެޓުކުރި ގަވާއިދު ނަންބަރު2026/R-52 “ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދަށް” އަމަލުކުރަންފަށާނީ ޑިސެންބަރު ނުވަވަނަ ދުވަހުން ފެށިގެންނެވެ. މި ސެޝަންގެ މަގުސަދަކީގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ޚިދުމަތް ފޯރުކޮށްދޭ ވިޔަފާރިވެރިން ގަވާއިދުގައިވާކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ މިންގަނޑުތަކަށް އަހުލުވެރިކުރުވުމެވެ.އެގޮތުން، ސެޝަންގެ ތެރެއިން، އާ ގަވާއިދާ ގުޅޭ ގޮތުން ވިޔަފާރިވެރިން ބޭނުންވާނެ އެންމެހާ މައުލޫމާތުތައް ވަނީ ފޯރުކޮށްދީފައެވެ.
އެމްއެފްޑީއޭގެ ގަވާއިދާ އެކު، ކާބޯތަކެތި ބަންދުކުރުމާއި ލޭބްކުރުމުގެ މިންގަނޑެއް ވަނީ އެކުލަވާލާފައެވެ. އެ ގޮތުން، ކާބޯތަކެތީގެ ސާފުތާހިރުކަމާއި، ރައްކާތެރިކަން ކަށަވަރުވާނެ ގޮތަށް ކާބޯތަކެތި ބަންދުކުރުމުގައި ސަމާލުކަން ދޭންޖެހޭނެ ކަންކަން މި ގަވާއިދުގައި ހިމަނާފައިވެއެވެ. އަދި، އެއީ ކޮން ބާވަތެއްގެ އެއްޗެއް ކަމާއި، މުއްދަތު ހަމަވާނެ ތާރީޚު ފަދަ މުހިންމު މައުލޫމާތުތައް ލޭބަލްކުރަން އެމްއެފްޑީއޭގެ ގަވާއިދުން ވަނީ ލާޒިމުކޮށްފައެވެ.
އެހެންކަމުން، ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކުން ގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ސަމާލުކަން ދިނުމަށް އެޗްޑިސީގެ ފަރާތުން އިލްތިމާސްކުރެއެވެ.
ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ގާއިމުކޮށްދިނުމަށާއި ވިޔަފާރިކުރާ ފަރާތްތަކަށް ގިނަ ފުރުސަތުތައް ހޯދައިދިނުމަށް އެ ކޯޕަރޭޝަނުންއަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



