އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކޮށް، އެ ކުދިންނަށް ކުރިއަށްދިއުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމަށާއި، އަންހެން ދަރިން ބިނާކުރުމަށް ކުރާ އިންވެސްޓަކީ، ފާގަތި މުސްތަޤްބަލަކަށް އިންވެސްޓްކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މި ޔަގީންކަން ދެއްވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެން ކުދިންގެ ދުވަހާ (އިންޓަނޭޝަނަލް ޑޭ އޮފް ދަ ގާލް ޗައިލްޑް) ގުޅިގެން މިއަދު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. ރައީސް ވިދާޅުވީ އަންހެން ކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށާއި އެ ކުދިންގެ ދިރިއުޅުން އުޖާލާކުރުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ.
އަދި އަންހެން ކުދިންނާއި ޒުވާން އަންހެނުންގެ ހުނަރުތައް ތަރައްގީކޮށް، އިސް ސަފުގައި ހަރަކާތްތެރިވެ ޤައުމީ ތަރައްގީގައި ބައިވެރިވުމަށް މަގުފަހިވާނެ ފަދަ ރައްކާތެރި މާހައުލެއް ޤާއިމުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އަންހެން ކުދިންނަށް ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް އާއިލާތަކާއި، މުޖުތަމައު އަދި ކަމާބެހޭ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށެވެ.
އެގޮތުން، އެ ކުދިންނަށް ފުރިހަމަ ތަޢުލީމު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، ގާބިލުކަން އިތުރުކުރުމުގެ އިތުރުން، އެއްވެސް ތަފާތުކުރުމެއް އަދި އަނިޔާވެރިކަމުގެ ބިރެއް ނެތި ނިންމުންތައް ނިންމުމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އަންހެން ކުދިންގެ ކުރިއެރުމަށް ކުރާ އިންވެސްޓްމަންޓަކީ އެންމެންނަށް ހަމަހަމަ ފުރުސަތުތަކާއި ފުރިހަމަ ދިރިއުޅުމެއް ލިބިދޭ މުސްތަގުބަލެއް ބިނާކުރުމަށް ކުރެވޭ އިންވެސްޓްމަންޓެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މިއަހަރުގެ އަންހެން ކުދިންގެ ދުވަހުގެ ޚާއްސަ އަމާޒަކީ ކުޑަކުދިން ކައިވެނިކުރުވުން ހުއްޓުވުމާއި އެ ކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް އިންވެސްޓް ކުރުމެވެ.
ޔުނިސެފްގެ ތަފާސްހިސާބުތައް ދައްކާގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 18 އަހަރު ނުފުރެނީސް ކައިވެނިކޮށްފައިވާ ގާތްގަނޑަކަށް 650 މިލިއަން އަންހެނުންނާއި އަންހެން ކުދިން އެބަތިއްބެވެ. އަދި ކޮންމެ އަހަރަކު 12 މިލިއަނަށްވުރެ ގިނަ ކުޑަކުދިން އުމުރުން ދުވަސް ނުފުރެނީސް ކައިވެނިކުރުވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.
ކުޑަކުދިން ކައިވެނިކުރުވުމުގެ ސަބަބުން ތަޢުލީމު ފުރިހަމަކުރުމަށް ހުރަސްއެޅި، ސިއްހީ ގޮތުން ބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހުމުގެ އިތުރުން މުސްތަގުބަލުގެ ފުރުސަތުތައް ހަނިވެގެންދެއެވެ. ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ވަނީ މިފަދަ ގެއްލުންހުރި އާދަކާދަތައް ހުއްޓުވައި، ގާނޫނީ ރައްކާތެރިކަމާއި، ތަޢުލީމާއި ސިއްހީ ޚިދުމަތްތައް ފުޅާކުރުމަށް ބާރުއަޅާފައެވެ.



