މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތައް ތަހުގީގުކުރުމުގެ މަސައްކަތް އަވަސްކޮށް، ތަހުގީގުތަކުގެ ސައްހަކަން އިތުރުކުރުމުގެ ގޮތުން “ސްމާޓްޑްރޯ” ގެ ނަމުގައި އައު ސޮފްޓްވެއަރއެއް ފުލުހުން ބޭނުންކުރަން ފަށައިފިއެވެ.
މި ސޮފްޓްވެއަރގެ އެހީގައި ޓްރެފިކް ތަހުގީގުކުރާ ފަރާތްތަކަށް، އެކްސިޑެންޓް ހިނގި ސަރަހައްދުގެ ތަފްސީލީ ޑައިގްރާމްތައް ކުރެހުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން ސޮފްޓްވެއަރގައި ހިމެނޭ މަގުތަކުގެ ލޭއައުޓްތަކާއި، އެކި ބާވަތްތަކުގެ އުޅަނދުތަކުގެ މޮޑެލްތަކާއި، ޓްރެފިކް ނިޝާންތަކުގެ އިތުރުން މަގުބައްތިތަކާއި މުހިންމު އެހެނިހެން ބައިތައް ބޭނުންކުރެވޭނެއެވެ. އަދި ގޫގުލް މެޕްސް އާއި ސެޓެލައިޓް ފޮޓޯތައް ވެސް މި ނިޒާމުގެ ތެރެއިން ބޭނުންކުރެވެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވީ، މި އައު ނިޒާމުގެ ސަބަބުން އެކްސިޑެންޓްތަކާ ގުޅިގެން އެއްކުރެވޭ ހެކިތައް އިތުރަށް ވަރުގަދަކުރެވި، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގުތައް ފުރިހަމަކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މި ސޮފްޓްވެއަރ ތައާރަފުކޮށްފައި މިވަނީ، އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނުގެ ދަށުން މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އައު ގާނޫނު ތަންފީޒުކުރަން ފެށި ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި އެކަނިވެސް 653 އަށް ވުރެ ގިނަ މީހުންނާމެދު ވަނީ ފިޔަވަޅު އަޅާފައެވެ. އަދި ގަވާއިދާ ޚިލާފުވި 180 އަށް ވުރެ ގިނަ އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
އައު ގާނޫނުގައި ލައިސަންސް ނެތި އުޅަނދު ދުއްވުމަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާފައިވާއިރު، މީހަކަށް އަނިޔާވާ ފަދަ ނުރައްކާތެރި ދުއްވުންތަކަށް ހަރުކަށި އަދަބުތަކެއް ވަނީ ކަނޑައަޅާފައެވެ.



