ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ. މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިދާރީ ފީ ދެއްކުމުގެ ފުރުޞަތު އެ ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށް އޮކްޓޯބަރު މަހުގެ 26 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.
އިންތިޚާބުގެ ވޯޓުލުން އޮންނާނީ ނޮވެމްބަރު 28 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އަދި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ތާވަލުކޮށްފައިވަނީ ނޮވެމްބަރު 30 ގައެވެ.
ތިނަދޫ ކައުންސިލްގެ ރައީސްގެ މަޤާމު ހުސްވެފައިވަނީ، އެ މަޤާމުގައި ކުރިން ހުންނެވި ޢަލީ ޝުޖާޢު، ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި އިންތިޚާބުވުމަށްފަހު އެ ޕާޓީން ވަކިވެ އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅުމުންނެވެ.
މިދިޔަ ޖޫން މަހުން ފެށިގެން ސަސްޕެންޝަނުގައި ހުންނެވި ޝުޖާޢުގެ ގޮނޑި ހުސްވެފައިވާ ކަމަށް އެލްޖީއޭއިން ނިންމީ ޖުލައި 19 ގައެވެ. އެ ދުވަހުން ފެށިގެން ކައުންސިލް ހިންގުމުގެ ކަންކަން ވަގުތީގޮތުން ބަލަހައްޓަވަމުން ގެންދަވަނީ ކައުންސިލްގެ ނައިބު ރައީސެވެ.



