ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ކެޓަގަރީއަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ނޮމިނޭޓްވެއްޖެއެވެ. މިއީ ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ މައި އެއާޕޯޓަށް އިތުރު ޝަރަފާއި އިތުބާރު ހޯދުމަށް ލިބިގެންދިޔަ މުހިންމު ފުރުޞަތެކެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގަމުން އަންނަ ވީއައިއޭ ނޮމިނޭޓްވެފައިވަނީ “ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026” އަދި “ވޯލްޑްސް ލީޑިންގ އެއާޕޯޓް – ކަސްޓަމަރ އެކްސްޕީރިއަންސް 2026” މި ދެ ކެޓަގަރީންނެވެ. މި ނޮމިނޭޝަންތައް ލިބިފައި މިވަނީ މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވި ސަރަޙައްދީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި، އިންޑިއަން އޯޝަންސް ލީޑިންގ އެއާޕޯޓުގެ ޝަރަފު ވީއައިއޭ ކާމިޔާބުކޮށްފައި ވަނިކޮށެވެ.
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއާޕޯޓުގެ ޝަރަފަށް ވާދަކުރާ ކެޓަގަރީގައި ވީއައިއޭ ވާދަކުރަނީ ދުނިޔޭގެ މަޝްހޫރު ބޮޑެތި އެއާޕޯޓުތަކާއެވެ. އޭގެ ތެރޭގައި ސިންގަޕޫރުގެ ޗަންގީ އެއާޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް، ހޮންކޮންގ އިންޓަނޭޝަނަލް، އިސްތަންބޫލް އެއާޕޯޓް، އެމެރިކާގެ ހާޓްސްފީލްޑް-ޖެކްސަން އެޓްލާންޓާ އަދި ޖޯން އެފް ކެނެޑީ (ޖޭއެފްކޭ) ގެ އިތުރުން ސްވިޒަލެންޑުގެ ޒިއުރިކް އެއާޕޯޓް ހިމެނެއެވެ.
މީގެ އިތުރުން، ކަސްޓަމަރ އެކްސްޕީރިއަންސްގެ އެވޯޑަށް ވާދަކުރާ 12 އެއާޕޯޓުގެ ތެރޭގައި ވީއައިއޭ ހިމެނިފައިވާއިރު، މި ކެޓަގަރީން ދެން ވާދަކުރަނީ ސިންގަޕޫރުގެ ޗަންގީ، ދުބާއީ އިންޓަނޭޝަނަލް، ހޮންކޮންގ އިންޓަނޭޝަނަލް، އަބޫދާބީގެ ޒައިދު އިންޓަނޭޝަނަލް އެއާޕޯޓް، އޮސްޓްރޭލިއާގެ ސިޑްނީ އެއާޕޯޓް އަދި ނިއުޒިލެންޑުގެ އޯކްލެންޑް އެއާޕޯޓެވެ.
މި ދެ ކެޓަގަރީން ވީއައިއޭއަށް ވޯޓު ދިނުމަށް ދިވެހި ރައްޔިތުންނަށާއި ދަތުރުވެރިންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ. މި އެވޯޑަށް ވޯޓުލުން ކުރިއަށްދަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ.
މި އަހަރުގެ އެވޯޑުތަކުގެ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ޓްރެވަލް އެވޯޑްސް ގްރޭންޑް ފައިނަލްގައެވެ.



