ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ތިންވަނަ ބެޗަށް ހޮވުނު ޒުވާނުން ތަމްރީނު ފުރިހަމަކުރުމަށްޓަކައި ބ. ކިހާދޫއަށް މިއަދު ފުރައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބެޗަށް ކުރިމަތިލި 84 ޒުވާނުން، ބ. ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްއަށް މިއަދު ފުރާފައިވާ ކަމަށެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
މޯލްޑިވްސް ނެޝަނަލް ސާވިސްއަކީ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފެއްޓެވި މަޝްރޫޢެކެވެ.
މި ޚިދުމަތް އުފެއްދުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު އާލާކުރުމާއި، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތުންތަކެއް ބިނާކުރުން ހިމެނެއެވެ. މީގެ އިތުރުން ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ބަޔަކު އުފެއްދުމާއި، އެއްބައިވަންތަކަމާއެކު ގުޅިގެން މަސައްކަތްކުރާ އަޚްލާޤު ރަނގަޅު ބަޔަކަށް ޒުވާނުން ހެދުމުގެ އިތުރުން ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ މުހިންމު ހުނަރުތައް ދަސްވެފައިވާ ޒިންމާދާރު ބަޔަކަށް ހެދުން ވެސް މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ނެޝަނަލް ސާވިސް އިނީޝަލް ޓްރެއިނިންގ ފުރިހަމަކުރާ ދަރިވަރުންނަށް އެ ތަމްރީނުގެ ސެޓްފިކެޓުގެ އިތުރުން ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަޝިޕް، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ، ބޭސިކް ފަސްޓް އެއިޑް އަދި އެޑިއުކޭޝަން ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓް ލިބިގެންދާނެއެވެ.
ރައީސް ވަނީ މި ތަމްރީނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.



