މި އަހަރު ބާއްވާ “ދިވެހިއުފެއްދުންތެރިކަމުގެ މައުރަޒު 2026” ވެގެންދާނީ ރާއްޖޭގެ ތާރީޚުގައި ވެސް ބާއްވާ އެންމެ ބޮޑު މައުރަޒަށް ކަމަށާއި، މި މައުރަޒުގައި 780 އެގްޒިބިޓަރުން ބައިވެރިވެ ގާތްގަނޑަކަށް 4،800 އުފެއްދުން ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި އިޤްތިޞާދީ ވުޒާރާ ގުޅިގެން އިންތިޒާމުކުރާ މި އެކްސްޕޯ ކުރިއަށްދާނީ އޮކްޓޫބަރު 25 އިން ނޮވެމްބަރު 2 ގެ ނިޔަލަށެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު އެގްޒިބިޓަރުންގެ އަދަދު 225 އިންސައްތަ އިތުރުވުމެކެވެ. އަދި މި އަހަރު ދައްކާލާ އުފެއްދުންތަކުގެ އަދަދު ވަނީ ކުރީ އަހަރުގެ 2،400 އިން 4،800 އަށް ދެގުނަ އިތުރުވެފައެވެ.
މި އަހަރުގެ މައުރަޒު ހަތް ޑިސްޓްރިކްޓަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި އަލަށް ތަޢާރަފުކުރާ “ވިޒިޓަރ އިކޮނޮމީ” އަދި “އިންޓަނޭޝަނަލް ޑިސްޓްރިކްޓް” ހިމެނެއެވެ. ވިޒިޓަރ އިކޮނޮމީ ބައިގައި ރާއްޖޭގެ 10 ރަށަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބައިނަލްއަޤްވާމީ ބައިގައި ޗައިނާގެ 15 ވިޔަފާރިއަކާއި އިންޑިއާގެ 15 ފަރާތެއް ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، ޔޫއޭއީގެ ވިޔަފާރިތައް ބައިވެރިކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، މިދިޔަ އަހަރުގެ އެކްސްޕޯއަށް ދުވާލަކު 80،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރި ކަމަށެވެ. އަދި މިއަހަރުގެ އަމާޒަކީ ޒިޔާރަތްކުރާ މީހުންގެ އަދަދު މިދިޔަ އަހަރަށް ވުރެ ދެގުނަ އިތުރުކުރުން ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.



